ކޮވިޑް-19: ކުރެއްދޫ އިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ކުރެއްދޫ ރިސޯޓް ---

ކުރެއްދޫ ރިސޯޓުން ބައްޔަށް ޝައްކުވެގެން ޓެސްޓްކުރި އިތުރު ދެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ. މި އަދަދާއި އެކުގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6 އަކަށް އަރާފައެވެ.

އެންމެ ފުރަތަަމަ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ވެސް ކުރެއްދޫގެ ދެ މުވައްޒަފުންނެވެ. އަދި އޭގެފަހުން ޕޮޒިޓިވް ވެފައިވަނީ ސޭންޑީޒް ބަތަލާ ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް އައި އިޓަލީގެ ދެ ފަތުރުވެރިންނެވެ. ކުރެއްދޫއިން އިތުރު ދެ މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރިސޯޓުން ޖުމްލަ ހަތަރު މީހަކު ޕޮޒިޓިވްވީއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދޭ ގޮތުގައި މިފަހަރުވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސީ ދެ މީހެކެވެ. އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނީ އިޓަލީގެ ފަތުރުވެރިއަކަށެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކަށް އެކަން ފާހަގަވީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. އޭނާއަކީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ މީހެކެވެ. އޭނާ ވަނީ އެނބުރި ގައުމަށް ދިއުމުގެ ގޮތުން މާލެ އައިސް ނުފުރިގެން ދެ ދުވަހު މާލޭގައިވެސް މަޑުކޮށްފައެވެ.

ހަމައެއާއެކުގައި އޭނާ އެ ދެ ދުވަހު މާލޭގައި މަޑުކުރިއިރު ބައްދަލުކުރި މީހުންނާއި ވާހަކަދެކެވުނު މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރިޔަށެވެ. އޭނާ މާލެ އައިސް ދެ ދުވަހު މަޑުކުރީ މާގިރި ހޮޓެލުގައެވެ. ޓޫރިސްޓް މީހާ މާލޭ އައިސް ހުރި މާގިރި ހޮޓަލްގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަންއަށް ދިޔުމަށް ވަނީ އަންގައިފަ އެވެ. އަދި އެމިރޭޓްސްގެ ޓިކެޓިން އޮފީހުން އޭނާއާ މުއާމަލާތް ކުރި، ދިވެހި އަންހެން މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނުމުން އޭނާ ވެސް ވަނީ މިއަދު ކަރަންޓީނުކޮށްފަ އެވެ.

ކުރެއްދޫ ރިސޯޓުގެ ރޫމް އައިސޮލޭޝަންގައި 65 މީހަކު އަދި އެ ރަށުން ބޭރުން ހޯމް އައިސޮލޭޝަންގައި 25 މީހަކު އެބަ ތިއްބެވެ.

ހިޔާލު ދެއްވާ!

Your email address will not be published.