ކޮވިޑް-19: ރާއްޖެއިން ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅު

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ހަތަރު މީހުންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެ ހަތަރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ސިއްހީ ގޮތުން އެ މީހުންނަށް ދޭންޖެހޭ ފަރުވާތައް ދެމުންދާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކާއި ސޭންޑީޒް ބަތަލާ ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވާ އިޓަލީގެ ދެ ފަތުރުވެރިންނެވެ. މި ހަތަރު މީހުންނަށް ފަރުވާ ދެމުން ދަނީ ފަރުކޮޅުފުށީގައެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް ރާއްޖެއިން 63 ސާމްޕަލް އެއް ނެގި ޓެސްޓު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 49 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި 10 މީހެއްގެ ނަތީޖާ ނުލިބޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަތަނުން ކޮވިޑް19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ، ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އޭނާއާ ކޮންޓެކްޓުވި 16 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިން އެކަކު ފަރުކޮޅުފުއްޓަށް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކަން އެހެން ކުރަނީ އޭނާގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.