އެމްޑީޕީގެ ކެމްޕެއިން ކުރިޔަށް ގެންދަނީ ކޮވިޑް-19 އަށް ހޭލުންތެރި ކުރުވަމުން!

ދެ ރައީސުން ކެމްޕެއިން ޕޯސްޓަރު ހަރުކުރައްވަނީ -- ފޮޓޯ / އެމްޑީޕީ

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ކުރިޔަށް ގެންދާނީ މިހާރު ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް-19 އަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކާއި އެކުގައި ކަމަށް އެ ޕާޓީގެ ކެމްޕެއިން ކަންކަން އިންތިޒާމު ކުރާ މައި ޓީމުން ބުނެފިއެވެ

އެމްޑީޕީން ބުނީ އެޕާޓީއަކީ 93000 އަށްވުރެ ގިނަ މެންބަރުން ތިބި، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ގުޅިފައިވާ ވިއުގައެއް މެދުވެރިކޮށް ކެމްޕެއިން މެސެޖުތަކާއެކު، ކޮވިޑް-19 އިން ސަލާމަތްވުމުގެ މައްޗަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ހެލްތް މިނިސްޓްރީ އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޯވިޑް-19 އާއި ގުޅޭގޮތުން ޢާންމުކުރާ މަޢުލޫމާތާއި، ޚަބަރު އެމްޑީޕީގެ ކެމްޕެއިން ޓީމުތަކުން ޢާންމުންނާ ޙިއްސާކުރަމުންދާނެ ކަމަށް އެޕާޓީން ބުންޏެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 ފެނިފައިވާތީ އެ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެމްޕެއިން އެއްވެސް ޙަރަކާތެއް ނުހިންގުމަށާއި، ސޯޝަލް މީޑިޔާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ނިންމާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ހަތަރު ކޭސްއެއް މިހާތަނަށް ވަނީ ފެނިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.