ގޮނޑިމޭޒާ އެކު މެމްބަރުންނަށް ހާއްސަ ގޮޅިތަކެއް މަޖިލީހުގައި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން: ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެވޭނެ ގޮތަށް ގޮޅިތަކެއް ވަނީ ހާއްސަކޮށްފައި--ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގައި މަސައްކަތް ކުރުމަށް ހާއްސަ ސްޓޭޝަންތަކެއް ނުވަތަ ގޮޅިތަކެއް އިއްޔެ ހަވާލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެމްބަރުންނަށް ހާއްސަކޮށްފައިވާ ގޮނޑިމޭޒު ފިޔަވައި، މެމްބަރުން މަސައްކަތް ކުރާނެ ގޮނޑިމޭޒެއް މަޖިލީހުގައި ނުހުންނަ ކަމަށެވެ.

މަޖިލީހުގެ މެމްބަރުން މަޖިލީހުގައި ތިބެގެން، ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެވޭނެ ގޮތަށް ގޮޅިތަކެއް އިއްޔެ ހާއްސަކޮށްފައިވާނެ ކަމަށާއި މެމްބަރުންނަށް ވެސް އެކަން އަންގާފައިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު މި ވާހަކަ ބޭފުޅެއް އަރިހުގައި އިއްޔެ ދެންނެވީމަ، ވިދާޅުވި ގޮނޑިއަކާއި މޭޒެއް މިއޮއްހާ ދުވަހު ނުހުރޭހޭ. އާދެ މި މަޖިލީހުގައި މިއޮއްހާ ދުވަހު އިއްޒަތްތެރި މެމްބަރުން މަސައްކަތް ކުރައްވަން ގޮނޑިއާ މޭޒެއް ނުހުރޭ. މިތަނުގައި ހުންނަ ގޮނޑިއާއި މޭޒު ފިޔަވައި،” ރައީސް ނަޝީދު ވިދާޅުވިއެވެ.

“މިހާރު އިއްޒަތްތެރި މެމްބަރުންނަށް ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމުގެ ފުރުސަތު ފަހިވެފައި ވެސް އޮންނާނެ. އަދި ގޮނޑި މޭޒު ވެސް ފަހިވެފައި އޮންނާނެ.”

ހިޔާލު ދެއްވާ!

Your email address will not be published.