ރާއްޖެއިން ކޮރޯނާ ފެނިފައިވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

Jabir

ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހަޅަފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އެ މައްސަލައިގައިވާ ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނަ އިން އަންނަ ގައުމުތަކުން ފަތުރުވެރިން އައުން ކުއްލިއަކަށް މަނާ ކުރުމަކީ މި ސިނާއަތަށް ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފނުޑުފުނޑުވެގެން ދާނެ ކަމެއް ކަމަށެވެ.

އަދި މީގެ ސަބަބުން އެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮވިޑް19އަށް ސްކްރީން ކުރުމުގެ މަސައްކަތް ފެށިތާ އެއް މަހަށްވުރެން ގިނަ ދުވަސްވެފައިވާ ކަމަށާއި، ނަމަވެސް ބިދޭސީ ހަތަރު މީހަކު އެ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރަނގަޅަށް މީހުން ޗެކް ނުކުރެވޭ ކަމުގެ ހެއްކެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅި ކަމަށް ކުއްލި މައްސަލައިގައިވެއެވެ. އެކަމަކު، ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ ޗައިނާ އާއި އިޓަލީ އިން މީހުން އައުން މުޅިން ހުއްޓައި މުޅި ގައުމު ކުއްލި ހާލަތަކަށް ގެނައުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިންތިހާ އަށް ބިރުވެރިކަން އުފެދިފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި މިކަމުގައި އިހުމާލުވި ފަރާތްތަކަށް ވަގުތުން ފިޔަވަޅު އެޅުމަށް ޖާބިރުވަނީ ގޮވާލާފައެވެ. އަދި މި ބަލިން ސަލާމަތްވުމަށް ރާއްޖެ އިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ގޮތުން މިކަން ހައްލު ކުރަން ދިވެހި ސިފައިންނާ ހަވާލު ކުރަން ޖާބިރު ގޮވާލެއްވިއެވެ.

ކޮވިޑް19 އަށް ރާއްޖެ އިން މިހާތަނަށް ހަތަރު މީހަކުވަނީ ޕޮޒިޓިވް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *