ކޮވިޑް19 ގެ ކަންބޮޑުވުން ޖާބިރު ފާޅުކުރެއްވީ އިޓަލީ ބަހުން!

މަޖިލިސް ޖަލްސާއެއްގައި ޖާބިރު ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ މައްސަލަ މަޖިލީހުން ވަނީ ބަލައިވެސްގެންފައެވެ.

މައްސަލައަށް ބަހުސް ކުރައްވާ ޖާބިރު ވަނީ ރާއްޖެއިން ބައެއް ގައުމުތަކުން ފަތުރުވެރިން އައުން މަނާ ކުރުމުން އިންވެސްޓަރުންނަށް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަަމަށެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދެ މާކެޓު ކަމަށްވާ އިޓަލީ އަދި ޗައިނާއިން ފަތުރުވެރިން އައުން މަނާ ކުރުމުން ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަކަން ޖާބިރު ފާހަގަކުރެއްވިއެވެ.

ޖާބިރު ވިދާޅުވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އިދާރާތައް ފެއިލްވެފައިވާ ކަމަށެވެ. އަދި ރާއްޖެއިން ކޮވިޑް-19 ފެނިފައި މިވަނީ ވެސް އެކަމުގެ ސަބަބުން ކަމަށާއި އެހެންކަމުން ކޮވިޑް-19 އަށް ފިޔަވަޅު އެޅުން އެމްއެންޑީއެފްއަށް ހަވާލު ކުރުމަށް ޖާބިރު ގޮވާލެއްވިއެވެ. ޖާބިރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށާއި ނަމަވެސް ގައުމުތަކުން މީހުން އައުން މުޅިން މަނާ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ޖާބިރުގެ ވާހަކައިގައި ވަނީ އިޓަލީގެ ފަތުރުވެރިން ރާއްޖެއައުން މަނާ ކޮށްފައިވާތީ އެކަމާއި ހިތާމަކޮށް ދެރަވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އިޓަލީ ބަހުން އޭނާއަށް ވާހަކަދައްކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އިޓަލީ ބަހުން ވާހަކަ ދެއްކުމަށް އެއީ އެންމެ މުނާސަބު ވަގުތު ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު އެހެން ވިދާޅުވުމުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ވާހަކަ ނުދެއްކޭނެ ބަހެއް ނޯންނާނެ ކަމަށެވެ.

ނަޝީދު އެފަދައިން ވިދާޅުވުމުން ޖާބިރު ވަނީ އިޓަލީ ބަހުރުވައިން ވާހަކަދައްކަން ފައްޓަވައިފައެވެ. އަދި ކޮވިޑް-19އާ ގުޅުންހުރި ވާހަކަތައް ޖާބިރު ދިޔައީ އިޓަލީ ބަހުން ދައްކަވަމުންނެވެ. ޖާބިރުގެ ވާހަކަ ނިންމާލެއްވުމުން މަޖިލިސް މެންބަރުން އަތްތިލަބަޑި ޖަހަން ފެށިއެވެ. ނަމަވެސް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، އިޓަލީ ބަހުން ޖާބިރު ދެއްކެވި ވާހަކަ މެންބަރުންނަށް ނޭންގޭ ކަމަށާއި އެ ވާހަކަތައް ތަރުޖަމާ ކޮށްދެއްވަން ޖެހޭ ކަމަށެވެ.

ސަނީފަށް ޖަވާބު ދެއްވާ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެހެން ބަހަކުން ވާހަކަ ދެއްކި ނަމަވެސް ގޯސް ވާހަކަތަކެއް ދައްކަވާ ނަމަ އެކަން އިނގިދާނެ ކަމަށް ބަލައިގެން އިންނަވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.