އެދުނު ހުރިހާ ގައިދީއަކަށް މިދިޔަ މަހު ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ދީފި

ގައިދީންތަކެއް --

ގައިދީންގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް އެދުނު ހުރިހާ ގައިދީންނަށް މިދިޔަ މަހު އެ ފުރުސަތު ދީފައިވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނީ މިދިޔަ މަހު ޖުމްލަ 1155 ގައިދީއަކު ޑޮކްޓަރަށް ދެއްކުމަށް އެދުނު ކަމަށާއި އެ ހުރިހާ ގައިދީއަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ ޖެނެރަލް ޑޮކްޓަރުންނަށް ދެއްކުމަށް 858 ގައިދީއަކު އެދުނު ކަމަށެވެ. އެ ހުރިހާ ގައިދީންވެސް އެދުނު ގޮތަށް ޖެނެރަލް ޑޮކްޓަރުންނަށް ދެއްކި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. މީގެއިތުރުން 177 ގައިދީއަކު ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް އެދުނުއިރު 297 ގައިދީއަކު ހާއްސަ ޑޮކްޓަރުންނަށް ވަނީ ދައްކާފައެވެ.

މިދިޔަ މަހު އެންމެ ގިނަ ގައިދީން ޑޮކްޓަރަށް ދައްކާފައިވަނީ ލޮލުގެ މައްސަލަތަކުގައެވެ. އެގޮތުން 16 ޕަސެންޓު ގައިދީން ވަނީ ލޮލުގެ ޑޮކްޓަރުންނަށް ދައްކާފައެވެ. ލޮލުގެ ޑޮކްޓަރުގެ އިތުރުން ދެން އެންމެ ގިނައީ ހިތުގެ ޑޮކްޓަރުންނާއި އީއެންޓީ އަދި ހަމުގެ ޑޮކްޓަރުންނަށް ދައްކާފައިވާ ގައިދީންނެވެ.

ޖަލުތަކުގެ ރިޕޯޓުގައި ބުނެފައިވާ ކަންކަން ފުރިހަމަ ކުރުމުގެ ގޮތުން ކަރެކްޝަންސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަ ގޮތެއްގައި އަލަށް އައްޔަން ކުރެއްވި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އަންނަނީ ވަކި ހާއްސަ ކޮމެޓީއެއް އުފައްދައިގެން އެ މަސައްކަތް ވަރަށް ގާތުން ބަލަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.