ކްރޮސްރޯޑަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަގުތީ ގޮތުން އެރަށް ބަންދުކޮށްފި

ކްރޮސްރޯޑު --

ރާއްޖެއިންވެސް މިހާރު ފެނިފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ކްރޮސް ރޯޑަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ރަށް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ކްރޮސްރޯޑްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެތަނުން އެގޮތަށް ނިންމީ ތަނުގެ މުވައްޒަފުންނާއި ގެސްޓުންގެ ސަލާމަތަށްޓަކައި ކަމަށެވެ. އަދި މިހާރުވެސް އެ ރަށުގައި ކޮވިޑް-19 އަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށްވެސް ކްރޮސް ރޯޑުން ބުންޏެވެ.

ކްރޮސް ރޯޑުން ބުނީ މާދަމާ އިން ފެށިގެން މި މަހުގެ 12ވާ ބުރާސްފަތި ދުވަހާ ހަމައަށް، ކްރޮސްރޯޑްސް އަށް ޒިޔާރަތްކުރާ މީހުންނަށް އެތަން ބަންދުކުރަން މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

އެތަނުން އެކަން ކުރަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައިކަން ފާހަގަކޮށް ކްރޮސްރޯޑުން ބުނީ މިހާތަނަށް ކޮވިޑް19ގެ އަލާމާތެއް ހުރި މީހަކު ފެނިފައި ނުވާކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މާޗް 13 ވާ ހުކުރު ދުވަހުން ފެށިގެން، އަނެއްކާވެސް ކްރޮސްރޯޑްސް އަށް ޒިޔާރަތް ކުރެވޭނެއެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ދެމީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.