ކޮވިޑް-19: ކުޑަކުދިންނާއި ދުވަސްވީ މީހުން ޖަމާއަތަށް ނަމާދަށް ނުދިއުމަށް އިލްތިމާސްކޮށްފި

ހުކުރު ހުތުބާ އަޑުއެހުން/ ފޮޓޯ- އިސްލާމިކް މިނިސްޓްރީ

ރާއްޖެއިންވެސް މިހާރު ފެނިފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ޖަމާއަތަށް މިސްކިތަށް ނަމާދަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، އެ ވައިރަސްގެ އަލާމާތްތައް ކަމަށް ބެލެވޭ ހުން އައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހިއަޅާ މީހުންނާއި، ކަރަންޓީނު ކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، އާއްމުން އެއްވެ އުޅޭ ޖަމާއަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެކަމަށް ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާއަތަށް ކުޑަކުދިންނާއި މުސްކުޅިން ހާޒިރުނުވުމަށް ވެސް އިލްތިމާސް ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ކަންކަމަކީ އިސްލާމްދީނުގައި ވެސް އެފަދައިން ބާރުއަޅާފައިވާ ކަންކަން ކަމަށާއި، އެގޮތުން ފިޔާ ލޮނުމެދު ފަދަ ތަކެތީގެ ވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވާތީވެ އެފަދަ ތަކެތި ކައިގެން މިސްކިތުގެ ޖަމާއަތަށް ދިޔުން މަނާކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެން ކަމަށްވާނަމަ ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތެއް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާތްﷲ ގެ އިރާދަފުޅާއެކު މިފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަ ހިނދު، އެމީހަކު މިސްކިތުގެ ޖަމާއަތުން އެއްކިބާވެ ކުރާ ނަމާދަށް، އެމީހަކު ފުރިހަމަ ސިއްހަތެއްގައި ވީ ހިނދު، މިސްކިތުގެ ޖަމާއަތުގައި ކުރާ ނަމާދަށް ލިބޭ ފުރިހަމަ ސަވާބު ލިބިގެން ދާނެ ކަމަށެވެ.

މީގެއިތުރުން މިފަދަ ދަނޑިވަޅުތަކުގައި މާތްﷲ ގެ ރަހްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް މާތްﷲ އަށް ވަކީލު ކުރުމަށާއި، ގިނަ ގިނައިން ހެޔޮ ދުއާކޮށް އުޅުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކޮންމެ ނަމާދެއް ފަހުގައި ގުނޫތު ކިޔުމަށް ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.