ކުރެއްދޫއަށް މީހުން އުފުލަން ބޭނުންކުރި ބޯޓު ޑިސްއިންފެކްޓު ކޮށްފި

ކުރެއްދޫއަށް މީހުން އުފުލަން ބޭނުންކުރި ބޯޓު -- ފޮޓޯ/ އޭވިއޭޓާޒް މޯލްޑިވްސް

ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުން ވެސް މަސައްކަތް ކުރަމުންދިޔަ ކުރެއްދޫ ރިސޯޓަށް މީހުން އުފުލަން ބޭނުންކުރި ޓީއެމްއޭގެ ބޯޓު މިއަދު ޑިސްއިންފެކްޓުކޮށް ސާފުކޮށްފިއެވެ.

ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ވެސް ކުރެއްދޫ ރިސޯޓަށް ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ރައްޔިތަކަށެވެ. ނަމަވެސް އެކަން އެނގުނީ އޭނާ ފުރައިގެން ދިޔަ ފަހުންނެވެ. އޭގެފަހުން އެރަށުން މިހާރު ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ހެލްތު މިނިސްޓްރީން އަންނަނީ އިޓަލީގެ ފަތުރުވެރިޔާ އަދި މިހާރު ޕޮޒިޓިވް ވެފައިވާ ކުރެއްދޫގެ ދެ މުވައްޒަފުންނާއި ކޮންޓެކްޓުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ފަރާތްތައް ސްކްރީން ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ މަސައްކަތްތައް ނިމެންދެން ކުރެއްދޫ އޮތީ މީހުން އަރާ ފޭބުން މަނާކޮށްފައެވެ. ނުވަތަ އޮރެންޖު އެލާޓުގައެވެ.

ކުރެއްދޫ ރިސޯޓުން ވެސް ވަނީ ފެބްރުއަރީ 23 އިން މާޗް 6 އާ ދެމެދު އެ ރިސޯޓުން ފޭބި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19އާ ގުޅުންހުރި އެއްވެސް އަލާމާތްތައް އެބައެއްގެ ގައިން ފެންނަ މީހުންން ސަމާލުވުމަށް އަންގާފައެވެ.

މީގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އަންގަން ވެސް ކުރެއްދޫއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.