އަދުރޭގެ މެސެޖެއް ރައީސަށް: ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭން މިތިބީ ތައްޔާރަށް!

ރައީސް އިބްރާހީމް ސޯލިހާއި އަދުރޭ ސަލާމް ކުރައްވަނީ. މި ދެ ބޭފުޅުންނަކީ ވެސް 18ވަނަ ރައްޔިތުން މަޖިލީހުގައި މަޖިލިސް މެންބަރުކަން ކުރެއްވި ދެ ބޭފުޅުން: ފޮޓޯ / ވަން

ރާއްޖެއިން ނުރައްކާތެރި ކޮވިޑް-19 ފެނިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކުރަމުން ގެންދާ ހުރިހާ ކަމެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މެސެޖު ކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް އަށް ކުރެއްވި މެސެޖުގައި މިވަގުތަކީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ކަމަށާއި، އަދި ކޮރޯނާ ވައިރަހުގެ ނުރައްވާތެރިކަމުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށްޓަކާއި ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއްގައި އިދިކޮޅު ކޯލިޝަނުން އެހީތެރިކަމާއި އެއްބައިވަންތަކަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި ވާނޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުންގެ ސަލާމަތަށްޓަކައި ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަން ތިބިކަން ރައްޔިތުންނަށް އިއްޔެގައި ހާމަ ކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން ކެމްޕެއިން ހަރަކާތްތައް ވެސް އެންމެ ފުރަތަމަ ހުއްޓާލި ޕާޓީއަކީ އެޕާޓީން އަދުރޭ ފާހަގަކުރެއްވިއެވެ. ޕީޕީއެމް އަދި ޕީއެންސީން ވަނީ ކައުންސިލް އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން ރާއްޖޭގެ ރަށްތަކަށް ދަތުރުތައް ފައްޓާފައެވެ. ނަމަވެސް ކޮވިޑް-19 ގެ ނުރައްކާ އޮތް މިންވަރުން އެޕާޓީން ވަނީ ދަތުރުތައް މެދުކަނޑާލަން ނިންމާފައެވެ.

ޕީޕީއެމްއިން ވަނީ މި ދަނޑިވަޅުގައި ސިޔާސީ ކަންކަން އެއްފަރާތް ކުރުމަށްފަހު ގައުމީ ވިސްނުމުގައި ހުރިހާ ރައްޔިތުންވެސް އެކަތިގަނޑެއްގެ ގޮތުގައި ވުމަށް ގޮވާލާފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުކަން ސަރުކާރުން އިއުލާން ކުރީ ރޭގެ ވަގުތެއްގައެވެ. އަދި ބުނީ އެ ބަލި ފެނުނީ ކުރެއްދޫ އައިލެންޑު ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފެއްގެ ގައިން ކަމަށެވެ. މިވަގުތު ރާއްޖެ އޮތީ ޔެލޯ އެލާޓުގައެވެ. އަދި ކުރެއްދޫ ރިސޯޓު އޮތީ އޮރެންޖު އެލާޓުގައެވެ. ސަރުކާރުން ވަނީ މިކަމުގައި ރައްޔިތުން އަދި ކަންބޮޑުވާންޖެހޭ ދަރަޖައަށް ނުދާ ކަމަށް ބުނެފައެވެ. އަދި ހަމައެއާއެކުގައި ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ބޯލެނބުމަށްވެސް ސަރުކާރުން ވަނީ ގޮވާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.