ކުރެއްދޫ ރިސޯޓު އޮތީ އަންޑާ ކޮންޓްރޯލްގައި: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ / މިހާރު

ރާއްޖޭގައި ކޮވިޑް-19 ގެ ޕޮޒިޓިވް ވި ދެ މީހުން ވަޒީފާ އަދާ ކުރަމުން ދިޔަ ކުރެއްދޫ އައިލެންޑު ރިސޯޓު އޮތީ އަންޑަ ކޮންޓްރޯލްގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރެއްދޫގައި 696 ޓޫރިސްޓުން އެބަތިބި ކަމަށެވެ. އެ ރިސޯޓުގެ ދިވެހި މުވައްޒަފުންނާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް އެރަށަށް ގޮސްތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދު 628 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ އެ ރަށް ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާ ހުރިހާ އެހީއެއް ރެސްޕޮންސް ސެންޓަރުން ދެމުން ގެންދާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ރިސޯޓަކުން ކޮވިޑް-19 އަށް ޝައްކުވާ ކޭސްއެއް ފެނިގެން ސްޓާފުން އަދި މެނޭޖްމަންްޓް ކަންބޮޑުވާނެ ކަމެއް ނެތް ކަމަށެވެ.

"ކުރެއްދޫގެ ސިޗުއޭޝަން އަންޑަ ކޮންޓްރޯލް. އެ ރަށް ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާ ހުރިހާ އެހީއެއް ރެސްޕޮންސް ސެންޓަރުން މިދަނީ ދެމުން،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ސެންޓަރެއް ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ބުރަ މަސައްކަތުން ވެސް އެ ރަށް މިހާރު އޮތީ ކަރަންޓީން ކުރެވޭ ވަރަށް ތައްޔާރު ކުރެވިފައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވެފައިވާއިރު ކުރެއްދު އައިލެންޑް ރިސޯޓުގެ ދެ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމާއެކު މިދިޔަ ދެ ހަފްތާގައި އެ ރިސޯޓުން ފޭބި ފަތުރުވެރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން ކުރެއްދޫ އައިލެންޑް ރިސޯޓުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ސަމާލުވާން އަންގާފައިވަނީ ފެބްރުއަރީ 23 - މާޗް 6 އާ ދެމެދު އެ ރިސޯޓުން ފޭބި ފަތުރުވެރިންގެ ތެރެއިން ކޮރޯނާއާ ގުޅުންހުރި އަލާމާތްތައް އެބައެއްގެ ގައިން ފެންނަ މީހުންނަށެވެ.

Leave a Reply

Your email address will not be published. Required fields are marked *