ތަހުގީގަށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނަށް ސަޕޯޓު ކުރައްވާ އާއްމު މެންބަރުންނަށް ހަނާ އަޅުއްވަނީ --

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރުވާން އަންގައިފައިވަނިކޮށް، އެކަން ކެންސަލްކޮށްފި އެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަަން އަނގާފައިވަނީ މިއަދު މެންދުރު 13:00 ގައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެކަންވަނީ ކެންސަލްކޮށްފައެވެ.

އެމަނިކުފާނު މިއަދު ފުލުހަށް ހާޒިރުކުރަން އަންގާފައިވަނިކޮށް އެކަން ކެންސަލްކޮށްފައިވަނީ ކީއްވެގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރުން ކެންސަލްކޮށްފައިވަނީ، ޗައިނާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނި، އެބަލިން ސަލާމަތްވުމަށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރަންޖެހޭ ދަނޑިވަޅެއްގައި، މި ސަރުކާރުން އިސްކުރެއްވީ ރައީސް ޔާމީން ފުލުހަށް ހާޒިރިކުރުން ކަމަށް ބުނެ އިދިކޮޅު މެންބަރުންގެ ފާޑިކުޔުންތައް ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދް ވިދާޅުވީ، މިސަރުކާރުގެ ބޭނުމަކީ ރައީސް ޔާމީންއަށް ޖެއްސުންކޮށް ނަފްސާނީގޮތުން ބަލިކަށި ކުރެވޭތޯ ބެލުން ކަމަށެވެ. އަދި އެމީހުން ރައީސް ޔަމީނާއި މެދު ކަންކަން ކުރަނީ ޒާތީގޮތުން ބަދަލު ހިފުމުގެ ރޫހުގަކަމަށާއި، މުޅި ގައުމު ހިތާމައެއްގަވަނިކޮށް، ރައީސް ޔާމީނަށް ޖެއްސުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ މުޅި ރާއްޖޭއަށް ރޭގައި ލިބުނީ ބޮޑު ސިހުމެއް ކަމަށާއި، އަދި މިފަދަ ދަނޑިވަޅަކީ އެކަކު އަނެކަކަށް ހަމްދަރުދީވާންޖެހޭ ވަގުތެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ އިދާރާއިން އަވަސް ވެގަތީ މިއަދު އަނެއްކާވެސް ރައީސް ޔާމީން ތަހުގީގަށް ހާޒިރު ކުރަން ކަމަށާއި، މިއަށްވުރެން މުހިއްމު ކަމެއް ނެތީތޯވެސް ޖަމީލު ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދް ވިދާޅުވީ، ކޮރޯނާ ވައިރަސް އާއި އެކު ރާއްޖެއަށް އައި ކުއްލި ހިތާމައާއި ކަންބޮޑުވުމުގައި އިހްސާންތެރިވެ އެއްބައިވަންތަކަމާއި އެކު މިބަލިން ސަލާމަތްވުމަށް މަސައްކަތް ކުރާންވީ ވަގުތުވެސް، މި ސަރުކާރުން އަވަސް ވެވަޑައިގަތީ ރައީސް ޔާމީން އަށްދެމުންދާ އަނިޔާއިސްކޮށް ފުލުހަށް ހާޒިރުކުރަންތޯވެސް ސުވާލު އުފައްދަވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.