އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ކުއްތާ/ ފޮޓޯ- ޕޮލިސް

ވައިގެ މަގުން އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އުމުރުން 30 އަހަރުގެ ދިވެހި އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ މާލޭން ފުރައިގެން އައްޑޫސީޓީއަށް ދަތުރުކުރަމުންދާ މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ 08:30 ހާއިރު ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، އޭނާގެ އަތްދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް، އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ޝަރީއަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމްއެފެއާޒުުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.