ސަރުކާރުން އުޅެނީ ޔާމީންއަށް ޖެއްސުންކޮށް ނަފްސާނީގޮތުން ބަލިކަށި ކުރުވަން: ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ- އައިޔޫއެމް

މިސަރުކާރުގެ ބޭނުމަކީ ރައީސް ޔާމީންއަށް ޖެއްސުންކޮށް ނަފްސާނީގޮތުން ބަލިކަށި ކުރެވޭތޯ ބެލުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދް ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުވާން އަންގުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކޮށެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމީހުން ރައީސް ޔަމީނާއި މެދު ކަންކަން ކުރަނީ ޒާތީގޮތުން ބަދަލު ހިފުމުގެ ރޫހުގަކަމަށާއި، މުޅި ގައުމު ހިތާމައެއްގަވަނިކޮށް، ރައީސް ޔާމީނަށް ޖެއްސުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ މިފަދަ ދަނޑިވަޅެއްގައި ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރުމާއި ގުޅިގެން އިދިކޮޅުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ މުޅި ރާއްޖޭއަށް ރޭގައި ލިބުނީ ބޮޑު ސިހުމެއް ކަމަށާއި، އަދި މިފަދަ ދަނޑިވަޅަކީ އެކަކު އަނެކަކަށް ހަމްދަރުދީވާންޖެހޭ ވަގުތެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ އިދާރާއިން އަވަސް ވެގަތީ މިއަދު އަނެއްކާވެސް ރައީސް ޔާމީން ތަހުގީގަށް ހާޒިރު ކުރަން ކަމަށާއި، މިއަށްވުރެން މުހިއްމު ކަމެއް ނެތީތޯވެސް ޖަމީލު ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދް ވިދާޅުވީ، ކޮރޯނާ ވައިރަސް އާއި އެކު ރާއްޖެއަށް އައި ކުއްލި ހިތާމައާއި ކަންބޮޑުވުމުގައި އިހްސާންތެރިވެ އެއްބައިވަންތަކަމާއި އެކު މިބަލިން ސަލާމަތްވުމަށް މަސައްކަތް ކުރާންވީ ވަގުތުވެސް، މި ސަރުކާރުން އަވަސް ވެވަޑައިގަތީ ރައީސް ޔާމީން އަށްދެމުންދާ އަނިޔާއިސްކޮށް ފުލުހަށް ހާޒިރުކުރަންތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން އަންގާފައިވަނީ މިއަދު މެންދުރު 13:00 ގައެވެ. ރައީސް ޔާމީންވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުވެސް ފުލުހަށްވަނީ ހާޒިރުކޮށްފައެވެ. އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފައިވަނީ، ރ. ފުއްގިރި މައްސަލާގައި ސުވާލުކުރުމަށެވެ. އެގޮތުން ފުލުހުން ވަނީ އެ ރަށް ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތު ކޮށްފައެވެ.

ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޔޫއެސް ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ސުވާލު ކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންވެސް އެމަނިކުފާނާއި ސުވާލު ކުރެވިގެން ދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ރައީސް ޔާމީން ހާޒިރުކޮށްގެން އިތުރަށް ސުވާލު ކުރެވުނު ކަންކަން ހާމަކުރަމުން ބުނީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް 220,704.5461 ރ (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެ، އެފައިސާ
ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންވެސް ރައީސް ޔާމީނާއި ސުވާލު ކުރެވިގެން ދިޔަ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.