ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރުވާން އަންގައިފިކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑާއިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަން އަންގާފައިވަނީ މިއަދު މެންދުރު 13:00 ގައި ކަމަށެވެ. ޖަމީލް ވިދާޅުވީ މުޅި ރާއްޖޭއަށް ރޭގައި ލިބުނީ ބޮޑު ސިހުމެއް ކަމަށާއި، އަދި މިފަދަ ދަނޑިވަޅަކީ އެކަކު އަނެކަކަށް ހަމްދަރުދީވާންޖެހޭ ވަގުތެއް ކަމަށެވެ.

ނަމަވެސް ފުލުހުންގެ އިދާރާއިން އަވަސް ވެގަތީ މިއަދު އަނެއްކާވެސް ރައީސް ޔާމީން ތަހުގީގަށް ހާޒިރު ކުރަން ކަމަށާއި، މިއަށްވުރެން މުހިއްމު ކަމެއް ނެތީތޯވެސް ޖަމީލު ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީންވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުވެސް ފުލުހަށްވަނީ ހާޒިރުކޮށްފައެވެ. އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފައިވަނީ، ރ. ފުއްގިރި މައްސަލާގައި ސުވާލުކުރުމަށެވެ. އެގޮތުން ފުލުހުން ވަނީ އެ ރަށް ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތު ކޮށްފައެވެ.

ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޔޫއެސް ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ސުވާލު ކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންވެސް އެމަނިކުފާނާއި ސުވާލު ކުރެވިގެން ދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ރައީސް ޔާމީން ހާޒިރުކޮށްގެން އިތުރަށް ސުވާލު ކުރެވުނު ކަންކަން ހާމަކުރަމުން ބުނީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް 220,704.5461 ރ (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެ، އެފައިސާ
ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންވެސް ރައީސް ޔާމީނާއި ސުވާލު ކުރެވިގެން ދިޔަ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.