ބަތަލާ ރިސޯޓުން ކޮރޯނާއަށް މީހަކު ޝައްކުވެގެން ކަރަންޓީންކޮށްފި

ބަތަލާ ރިސޯޓު/ ފޮޓޯ- މައިސައިޓް

އަރިއަތޮޅު ދެކުނުބުރި، ސޭންޑީޒް ބަތަލާ އައިލަންޑުން ކޮވިޑް19އަށް މީހަކު ޝައްކުވެގެން ކަރަންޓީންކޮށްފިއެވެ. 

އެޗްޕީއޭއިން ކުރި ޓިވީޓެއްގައި ބުނީ، އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއް ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަކުރުމާއި ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

އަދި ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުންވަނީ ވަގުތީ ގޮތުން ހުއްޓާލާފަކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް19އަށް ޝައްކު ކުރެވިގެން ބަތަލާ އައިލަންޑުން މީހަކު ކަރަންޓީންކޮށްފައިވާއިރު، ސަމާ އައިލެންޑް ރިސޯޓުން ކޮވިޑް19އަށް ޓެސްޓުކުރި ހަތް މީހުންވެސްވަނީ އެ ބައްޔަށް ނެގެޓިވް ވެފައެވެ. އެޗްޕީއޭއިން ބުނީ އެ ޓެސްޓްގެ ނަތީޖާއާއި ވިދިގެން، އެރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ކޮވިޑް-19އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން، ރޭވަނީ ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއްވެސް ބާއްވާފައެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ހަބަރު ގެނެސްދެއްވުމަށް ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމުގައެވެ.

އަދި މި ވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމުގެ ވަގުތު ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ މިބަލިން ރައްޔިތުން ސަލާމަތްކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރޭ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާގައި، ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ހަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.