ސަމާ އައިލެންޑުން ކޮރޯނާއަށް ޓެސްޓުކުރި 7 މީހުންވެސް ނެގެޓިވް

ކޮވިޑް-19 އަށް އަހުލުވެރި ކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ކޮވިޑް19އަށް ޝައްކު ކުރެވިގެން ސަމާ އައިލެންޑް ރިސޯޓުން ޓެސްޓު ކުރި 7 މީހުންވެސް އެ ބައްޔަށް ނެގެޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް19ގެ އަލާމާތްތައް ހުރެގެން ސަމާ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުން ވަނީ ކޮވިޑް19 އަށް ނެގަޓިވް ވެފައިކަމަށާއި، ޓެސްޓްގެ ނަތީޖާއާއި ވިދިގެން، އެރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ދަރުބާރުގޭގައި ރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސަމާ އައިލެންޑް ރިސޯޓުން 4 މުވައްޒަފަކު ވަނީ ޝައްކުވެގެން އެކަހެރިކޮށްފައިވާ ކަމަށާއި ޓެސްޓްތައް ހެދުމަށް ފަހު ނަތީޖާ އާންމު ކުރާނެ ކަމަށެވެ.

އެޗްޕީއޭއިން އިއްޔެ ބުނެފައިވަނީ ސަމާ އައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އެރިސޯޓުން ނެރުނު ބަޔާނެއްގައި ބުނީ ސަމާ އައިލެންޑުގައި މަސައްކަތް ކުރާ އިންޑިއާ ޑޮކްޓަރަކުވެސް ބައްޔަށް ޝައްކު ކުރެވޭތީ ކަރަންޓީން ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އެ ރިސޯޓުގެ ތިން މުވައްޒަފަކުވެސް ކެއްސާ ބަލިވެ އުޅޭތީ އެމުވައްޒަފުންގެ ކޮޓަރިތަކުގައި ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ވަނީ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުން އިއްޔެ ކަރަންޓީން ކުރި ބިދޭސީ ދެ މުވައްޒަފެކެވެ. އެހެންކަމުން ރާއްޖޭގެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށާއި އަދި ރިސޯޓުގެ ހާލަތުވެސް ބަދަލުވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގައި ކޮރޯނާ ވައިރަހުގެ ހާލަތު އޮތްގޮތަށް ބަލާއިރު، މިހާތަނަށް އެއްލައްކައަށް ވުރެ ގިނަ މީހުންނަށް އެ ވައިރަސް ޖެހި، 3,600 މީހަކު ވަނީ ވައިރަހުގައި މަރުވެފައެވެ. ޗައިނާގެ ބޭރުން އެ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ، އީރާން، ސައުތު ކޮރެއާ، އިޓަލީ އަދި ޖަރުމަނުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.