ބްރޫނާއީއިން ރާއްޖެއަށް ދޭ ސްކޮލާޝިޕް އިތިރުކުރުމަށް ނިންމައިފި

ފޮރިން މިނިސްޓަރު ޝާހިދު އަދި ބްރޫނާއީގެ އެޑިއުކޭޝާން މިނިސްޓަރު/ ފޮޓޯ: ފޮރިން މިނިސްޓްރީ

ބްރޫނާއީއިން ދިވެހިރާއްޖެއަށް ދޭ ސްކޮލަރޝިޕްތައް އިތުރުކުރުމަށް އެޤައުމުން ނިންމައިފިއެވެ. މިގޮތަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބްރޫނާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި، އެކަމަށް އެމަނިކުފާނު އެދިވަޑައިގަތުމުންނެވެ.

މިނިސްޓަރ ޝާހިދު ވަނީ މި ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ އާއި އެޤައުމުގެ ސެކަންޑް ފޮރިން މިނިސްޓަރ އަދި އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖެއަށް ބްރޫނާއީއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިހާރުވެސް ކޮންމެ އަހަރަކު 5 ސްކޮލަރޝިޕް އެޤައުން ދޭކަން ފާހަގަކުރެއްވިއެވެ.

އަދި ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ސްކޮލަރޝިޕްގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވިފަދައިން ރާއްޖެއަށް ދޭ ސްކޮލަރޝިޕްތައް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ބްރޫނާއީ ސަރުކާރުން ވަނީ ދެއްވާފައެވެ.

1999 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބްރޫނާއީއަށް ޒިޔާރަތްކުރައްވާފައެއް ނުވެއެވެ. ބްރޫނާއީގެ ރަސްގެފާނާއި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ ރާއްޖެ-ބްރޫނާއީ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.