ކޮވިޑް19 އާއި ގުޅިގެން އިގްތިސޯދުން އަރައިގަންނާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކޮވިޑް19 އާއި ގުޅިގެން ބާއްވާ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ- ރައީސް އޮފީސް

ކޮވިޑް-19 އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، އިގްތިސޯދުން އަރައިގަންނާނެ ގޮތްތަކާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ރޭ މަޝްވަރާ ކުރައްވައިފިއެވެ.

ކޮވިޑް-19އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން ރޭ އިޢުލާންކުރެއްވިތާ މާގިނައިރުތަކެއްނުވެ މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާ ފަށްޓަވަމުން، ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމުގައެވެ.

އަދި މި ވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމުގެ ވަގުތު ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ މިބަލިން ރައްޔިތުން ސަލާމަތްކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރޭ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާގައި، ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ހަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން މެންބަރުން ފާހަގަކުރެއްވިއެވެ.

އަދި އިގްތިސާދީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެއްވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވުދާނެ ފިޔަވަޅުތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު ރައްޔިތުންނަށް ދަތިނުވެ، ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި ބޭސް ލިބޭނެ އިންތިޒާމުތައްވެސް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާތީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.