އަތުގައި ހުރި ފައިސާ ކޮޅު ކާޑަށް ހަދާފައި ގެންގޮސް ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން: އެސްޓީއޯ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު: ފޮޓޯ / މިހާރު

އަތުގައި ހުރި ފައިސާ ކޮޅު ކާޑަށް ހަދާފައި ގެންގޮސް ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ފުލުހުންނާއި ސިފައިން އަދި އެސްޓީއޯ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ފެނިދާނެ ކަމަށް ބަލާ އެސްޓީއޯއިން ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ވަރަށް ކާޑުގެ ބާވަތް ހުސްނުވާ ވަރަށް އެސްޓީއޯއިން ލިބޭނެ ކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ ހުސް ނުވާ ވަރަށް ކާޑު އެބަހުރި ކަމަށާއި ކޮންމެ ގެއެއް ކާޑު ގުދަނަކަށް ހަދަން ނުޖެހޭ ކަމަށެވެ.އަމްރު ވިދާޅުވީ އެސްޓީއޯއިން ހޭންޑު ސެނެޓައިޒާ ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. އެއީ އާއްމު ގެތަކަށް އެހާ މުހިއްމު އެއްޗެއް ނޫން ކަމަށާއި ގޭގޭގައި ސައިބޯނި ލައިގެން އަތް ދޮވުން ރަނގަޅުވާނެ ކަމަށެވެ.

“ހޭންޑް ސެނެޓައިޒާ ދިނުން ވަނީ ހުއްޓާލާފަ، އެއީ އެއްކޮށް ހުޅުވާލައިފިނަމަ ބައިވަރު ގަނެއްޖެނަމަ ހުސްވެދާނެތީ، ގޭގެ ވިއްޔާ ސެނެޓައިޒާ މާ މުހިންމެއް ނޫން، އެ މުހިންމީ ވަކި ބަޔަކަށް، ގޭގައި ސައިބޯނި ލައިގެން އަތް ދޮވުން ރަނގަޅު. ފޭސް މާސްކު ވެސް ވަނީ ލިމިޓްކޮށްފަ، ބަލި ނުވާ މީހުން މާސްކު އަޅަން ނުޖެހޭ ކަމަށް ޑޮކްޓަރު ވެސް ލަފާދޭ، އެހެންވީމަ މާސްކު މުހިންމީ ބަލި މީހުންނަށް،” އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މާސްކު އަޅަންޖެހޭ ފަރާތްތަކަށް ހުސްނުވާ ވަރަށް މާސްކު ލިބިގެންދާނެ ކަމަށެވެ. މިވަގުތަކީ އެއްވެސް މީހަކު ކަންބޮޑުވާން ޖެހޭ ވަގުތެއް ނޫންކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ މިއީ އަތުގައި ހުރި ފައިސާކޮޅު ކާޑަށް ހަދަންޖެހޭ ވަގުތެއް ނޫން ކަމަށެވެ.

“އަތުގައި ހުރި ފައިސާ ކޮޅު ކާޑަށް ހަދާފައި ގެންގޮސް ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން، މިއީ ޕެނިކަކަށް ދާން ވީ ވަގުތެއް ނޫން، މާދަމާ ވެސް ފިހާރަތަކަށް ގޮސް އެއްޗެހި ގަންނަންވީ، ދަތުރު ވެސް ކުރަންވީ،” އަމްރު ވިދާޅުވިއެވެ.

ބޭސް ލިބުމާއި ގުޅޭ ގޮތުން އަމްރު ވިދާޅުވީ އިންޑިއާއިން ލިމިޓްކޮށް ބޭސް ވިއްކަމުން ދިޔަ ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަމުގައި އިންޑިއާއާ އެކުގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ހާލަތްތަކުގައި އިންޑިއާއިން ރާއްޖެއަށް ހާއްސަ ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.