ސަމާ އައިލެންޑުން ކަރަންޓީން ކުރި މީހުންގެ އަދަދު ހަތަރަކަށް!

ސަމާ އައިލެންޑް

ސަމާ އައިލެންޑު ރިސޯޓުން ހަތަރު މީހަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ ކަރަންޓީން ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސަމާ އައިލެންޑް ރިސޯޓުން 4 މުވައްޒަފަކު ވަނީ ޝައްކުވެގެން އެކަހެރިކޮށްފައިވާ ކަމަށާއި  ޓެސްޓްތައް ހެދުމަށް ފަހު ނަތީޖާ އާންމު ކުރާނެ ކަމަށެވެ.

މިއަދު ހެނދުނު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ސަމާ އައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި މިއަދު މެންދުރު އެ ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނީ ސަމާ އައިލެންޑުގައި މަސައްކަތް ކުރާ އިންޑިއާ ޑޮކްޓަރަކުވެސް ބައްޔަށް ޝައްކު ކުރެވޭތީ ކަރަންޓީން ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އެ ރިސޯޓުގެ ތިން މުވައްޒަފަކުވެސް ކެއްސާ ބަލިވެ އުޅޭތީ އެމުވައްޒަފުންގެ ކޮޓަރިތަކުގައި ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

އެ ރިސޯޓުން ކަރަންޓީން ކުރި މީހުންގެ ޓެސްޓުތަކުގެ ނަތީޖާތައް ނުލިބެނީސް އެ ރަށަށް މީހުން އަރާ ފޭބުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ވަނީ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުން އިއްޔެ ކަރަންޓީން ކުރި ބިދޭސީ ދެ މުވައްޒަފެކެވެ. އެހެންކަމުން ރާއްޖޭގެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށާއި އަދި ރިސޯޓުގެ ހާލަތުވެސް ބަދަލުވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދުނިޔޭގައި ކޮރޯނާ ވައިރަހުގެ ހާލަތު އޮތްގޮތަށް ބަލާއިރު، މިހާތަނަށް އެއްލައްކައަށް ވުރެ ގިނަ މީހުންނަށް އެ ވައިރަސް ޖެހި، 3،494 މީހަކު ވަނީ ވައިރަހުގައި މަރުވެފައެވެ. ޗައިނާގެ ބޭރުން އެ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ، އީރާން، ސައުތު ކޮރެއާ، އިޓަލީ އަދި ޖަރުމަނުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.