މެލޭޝިޔާގައި ކޮޮވިޑް-19 އިތުރަށް ފެތުރޭތީ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މެލޭޝިޔާގެ މަގެއްގެ މަތީގައި މީހުންތަކެއް މާސްކު އަޅައިގެން --

ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދިވެހިންގެ އެތައް ބަޔަކު މަތީ ތައުލީމު ހާސިލު ކުރަމުންދާ މެލޭޝިޔާގައިވެސް އެ ވައިރަސް އިތުރަށް ފެތުރެމުން ދާތީ ސަމާލުވުމަށް މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް-19 ގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް ފެނިއްޖެ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ކަރުގައި ރިއްސާ ނުވަތަ 38 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ހުން އައިސް ހުރި ކަމަށްވާނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މީގެއިތުރުން އާއްމު ދިރިއުޅުމުގައިވެސް ސާފުތާހިރު ކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނީ ސައްހަ މައުލޫމާތާއި ހަބަރުތައް ހޯދުމަށާއި މެލޭޝިޔާ އަދި ދުނިޔޭގެ ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދޭ މައުލޫމާތު ނޫން އެހެން މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ހައިކޮމިޝަނުން ބުނީ އެއްވެސް ގައުމަކަށް ދަތުރު ކުރާނަމަ އެ ގައުމެއްގައި ބަލި ފެތުރިފައިވާ މިންވަރާއި ސަރަހައްދުތައް ދެނެގަތުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދަތުރުކުރާ ގައުމަކުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތުތައް ވެސް ދެނެގަތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19ގެ އަލާމާތެއް ފެނިއްޖެ ނަމަ [email protected] އަށް އީމެއިލްކޮށް ނުވަތަ 10200-888-03 ނުވަތަ 10600-888-03 ނަންބަރަށް ނުވަތަ 10700-888-03 ނަންބަރަށް ގުޅުމަށް އިލްތިމާސް ކުރާ ކަމަށްވެސް ހައިކޮމިޝަނުން މައުލޫމާތުދެއެވެ. އެ ކޮމިޝަނުން ބުނީ މެލޭޝިޔާގައި ދިރިއުޅޭ ނަމަ އެ ކޮމިޝަންގެ ރަޖިސްޓްރޭޝަން ފޯމު ފުރުމަށް މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ ކިބައިން އެދޭ ކަމަށެވެ. އަދި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ނުވަތަ ފޮރިން މިނިސްޓްރީއަށް އެންގުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާތަނަށް މެލޭޝިޔާއިން ވަނީ 93 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 23 މީހަކު ރަނގަޅުވެފައިވާ ކަމަށް މެލޭޝިޔާގައި ނޫސްތަކުގައި ބުނެފައިވެއެވެ.

ރާއްޖެއިން މިހާރު ވަނީ މި ބަލި ފެނިފައެވެ. ބަލި ފެނިފައިވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފެއްގެ ކިބައިންނެވެ. އެ ދެ މީހުންވެސް ވަނީ ފަރުކޮޅު ފުށީގައި ކަރަންޓީން ކޮށްފައެވެ. އަދި އެމީހުންގެ ހާލަތު މިވަގުތު ރަނގަޅު ކަމަށްވެސް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.