ކޮވިޑް-19 އަށް ކުރެއްދޫގެ ދެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކުރެއްދޫގެ އެ ދެ މުވައްޒަފުން ތިބީ މިހާރު ފަރުކޮޅުފުށީގައި ކަމަށެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެއިން ދެ ކޭސް ފޭނުމާ އެކު ރާއްޖޭގެ ހާލަތު ޔެލޯ އެލާޓަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ކުރެއްދޫ ރިސޯޓުގެ ހާލަތު މިހާރު އޮތީ އޮރެންޖު ހާލަތުގައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކުރެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެމީހުންނެވެ. އަދި މިވަގުތުވެސް އެ ރަށް އޮތީ މީހުން އަރާ ފޭބުން މަނާ ކޮށްފައެވެ. ކޮވިޑް-19 އަށް އެ މުވައްޒަފުން ޕޮޒިޓިވް ވެފައިވާއިރު އެ މުވައްޒަފުންނަށް މިހާރު ވަނީ އެ ބައްޔަށް އެމީހުން ޕޮޒިޓިވްވެފައިވާކަން ހާމަކޮށްދީފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑރ. އަލީ ރަޝީދު ވިދާޅުވީ މިވަގުތު ކޮވިޑް-19 ބަލި ޖެެހިފައިވާ ދެ މީހުންގެ ހާލަތުވެސް ރަނގަޅު ކަމަށެވެ ނަމަވެސް ހާލަތު ބަދަލުވެގެން ދާނީ ކޮން އިރަކު ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޑރ. ވިދާޅުވިއެވެ. އަދި ވިދާޅުވީ އާއްމު ގޮތެއްގައި އެބަލީގައި ސީރިއަސް ހާލަތަކަށް ދަނީ އުމުރުން ދުވަސްވެފައި ތިބި މީހުންނަށް ނަމަވެސް ޒުވާނުންނަށްވެސް އެ ބަލީގައި ސީރިއަސް ހާލަތަކަށް ހިނގައިދާނެ ކަމަށް ޑރ. ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެކަމާއި ގުޅިގެން ސަރުކާރުން އިތުރަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިރޭ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު އިތުރު ބައެއް ކަންކަމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަންކަން އާއްމުންނަށް ހިއްސާ ކުރާނީ އަދި ފަހުން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ސަމާ އައިލެންޑު ރިސޯޓުން ހަތަރު މީހަކު ކަރަންޓީނަށް ގެނެސްފައިވާ ކަމަށެވެ. އަދި ޓެސްޓުތައް ހަދާ ނަތީޖާއް ލިބުމުން އެކަން ހިއްސާ ކުރާނެ ކަަމަށް އަމީން ވިދާޅުވިއެވެ.

ދުނިޔޭގައި ކޮރޯނާ ވައިރަހުގެ ހާލަތު އޮތްގޮތަށް ބަލާއިރު، މިހާތަނަށް އެއްލައްކައަށް ވުރެ ގިނަ މީހުންނަށް އެ ވައިރަސް ޖެހި، 3،494 މީހަކު ވަނީ ވައިރަހުގައި މަރުވެފައެވެ. ޗައިނާގެ ބޭރުން އެ ވައިރަސް އެންމެ ބޮޑަށް ފެތުރެނީ، އީރާން، ސައުތު ކޮރެއާ، އިޓަލީ އަދި ޖަރުމަނުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *