ތިނަދޫއިން ކަރަންޓީން ކުރި މީހާ ވައިރަހަށް ނެގެޓިވް

ވ. ތިނަދޫ --

ވ. ތިނަދޫއިން ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން ކަރަންޓީން ކުރުމަށް ގެންދިޔަ އިޓަލީގެ ފަތުރުވެރިޔާ އެ ބައްޔަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ފަރާތުގެ ކޮވިޑް19 ގެ ޓެސްޓްވަނީ ނެގަޓިވްވެފައިވާ ކަމަށެވެ. ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރެވޭނެެ ކަމަށެވެ. އަދި މިކަމާގުޅިގެން ވ. ތިނަދޫ ގެ “ކޮންޓެކްޓް ޓްރޭސިންގ” ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތް ކަމަށެވެ. 

މިއަދު ސަމާ އައިލެންޑު ރިސޯޓުންވެސް ތިން މީހަކު ވަނީ ކޮވިޑް19 އަށް ޝައްކު ކުރެވިގެން ކަރަންޓީން ކޮށްފައެވެ. އެހެންކަމުން އެރަށަށްވެސް މީހުން އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ. މީގެއިތުރުން އިއްޔެ ވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ރިސޯޓުގެ ޑޮކްޓަރު ކަރަންޓީން ކޮށްފައެވެ.

އެހެންކަމުން އަދިވެސް މި ދެ ރަށް އޮތީ އެހެން ހާލަތެއްގައެވެ. ސަރުކާރުން ވަނީ މި ބައްޔާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ބޮޑެތި އަދި މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިރޭ 00:00އިން ފެށިގެން އިޓަލީން ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކު އެތެރެވުން މަނާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *