ކޮވިޑް-19 އާ ގުޅިގެން ޖޭޕީގެ ބޮޑު ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ޖޭޕީ

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހެއް ކަަމށް ކޮވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުކަން ފެންނާތީ ޖުމްހޫރީ ޕާޓީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބާއްވަން ނިންމާފައިވާ ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް ނިންމީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ.

ޖޭޕީން ބުނީ ރާއްޖެ އައި ބައެއް ފަތުރުވެރިން އެނބުރި އެމީހުންގެ ގައުމަށް ދިޔަ ފަހުން ކޮވިޑް19 ވައިރަސް ފެނިފައިވާ ކަމަށާއި އެހެންކަމުން އެ ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށާއި ދިވެހިންނަށްވެސް ފޯރާނެކަމުގެ ބިރު އިންތިހާއަށް މިދަނޑިވަޅުގައި އެބައޮތް ކަމަށެވެ. އެހެންކަމުން ގިނަބަޔަކު އެއްވާ ތަންތަނަށް ދިއުމަކީ އޭގެ ޒާތުގައި އެހާ ރަނގަޅު ކަމެއް ކަމަށް އެޕާޓީން ނުދެކޭ ކަމަށްވެސް ޖޭޕީން ބުންޏެވެ.

ޖޭޕީގެ ބަޔާނުގައި ބުނީ އެފަދަ ހާލަތެއްގައި ވިސްނަން ވާނީ ސިޔާސީ ފައިދާއަށްވުރެ ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. ޖޭޕީން ބުނީ ހާލަތު ރަނގަޅުވުމުން ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަނެއްކާވެސް ކަނޑައަޅާނެ ކަމަށެވެ.

ޖޭޕީގެ ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު ޕީޕީއެމްއިން ވަނީ އެޕާޓީން އަތޮޅުތަކަށް ކުރަމުންދިޔަ ކެމްޕެއިން ދަތުރުތައް ވެސް ހުއްޓާލަން ނިންމާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *