އަލާމާތްތައް ފެނުމުން ސަމާ އައިލެންޑުގެ ޑޮކްޓަރުވެސް އެކަހެރިކޮށްފި

ސަމާ އައިލެންޑު

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުން ސަމާ އައިލެންޑުގައި މަސައްކަތް ކުރާ ޑޮކްޓަރުވެސް އެކަހެރި ކޮށްފިއެވެ.

ސަމާ އައިލެންޑަކީ މިއަދު ހެނދުނު އަލާމާތްތައް ފެނިގެން އެކަހެރިކުރި ފްރާންސްގެ ދެ ފަތުރުވެރިންވެސް ޗުއްޓީ ހޭދަ ކުރަމުންދިޔަ ރިސޯޓެވެ.

ސަމާ އައިލެންޑުން ނެރުނު ބަޔާނެއްގައި ބުނީ ދެ ޓޫރިސްޓުންގެ އިތުރުން އެ ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ފަރާތުން ވެސް ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އަދި އެ ޑޮކްޓަރަކީ އުމުރުން 33 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށް އެ ބަޔާނުގައިވެއެވެ. މީގެއިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ޑޮކްޓަރަކީ ފްރާންސްގެ ދެ ފަތުރުވެރިން ބަލިވުމުން މި މަހުގެ ފަސް ވަނަ ދުވަހު ބެލި ޑޮކްޓަރު ކަމަށެވެ.

ދެ ފަތުރުވެރިން މި މަހު ޑޮކްޓަރަށް ދެއްކުމުން އެކަން އެޗްޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި އަދި ދެ ފަތުރުވެރިން އެމީހުންގެ ކޮޓަރީގައި ކަރަންޓީނު ކުރި ކަމަށް ސަމާ އައިލެންޑުން ބުންޏެވެ. ސަމާ އައިލެންޑުން ބުނީ ޖެހިގެން އައި ދުވަހު ދެ ފަތުރުވެރިން ބެލި ޑޮކްޓަރު ވެސް ކެއްސާ ނޭވާލާން އުނދަގޫވާކަމަށް ރިޕޯޓުކުރުމުން އެކަން އެޗްޕީއޭއަށް އަންގައި، ޑޮކްޓަރުވެސް އޭނާގެ ކޮޓަރީގައި ކަރަންޓީނުކުރި ކަމަށެވެ.

ފަރެންސޭސިވިލާތުގެ ދެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުގައި ކަމަށް ސަމާ އައިލެންޑުން ބުންޏެވެ. އަދި އެ ދެމީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރިސޯޓަށް ދަތުރުކޮށްފައި ވަނީ ލޯންޗުގައި ކަމަށާއި، އިތުރު އެހެން ތަނަކަށް ގޮސްފައި ނުވާކަމަށް ރިސޯޓުން ބުނެއެވެ. ސަމާ އައިލެންޑް ރިސޯޓުން ބުނީ މިއަދު ހެނދުނު އެޗްޕީއޭގެ އޮފިޝަލުން އެ ރިސޯޓަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ފަތުރުވެރިންނާއި ޑޮކްޓަރު ވެސް ކަރަންޓީން ފެސިލިޓީއަށް ގެންގޮސް ކޮވިޑް19 އަށް ޓެސްޓުކުރާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެ ރިސޯޓުގައި މަސައްކަތް ކުރާ އެހެން ތިން މުވައްޒަފުން ވެސް ކުޑަކޮށް ކެއްސާތީ، އެޗްޕީއޭގެ ލަފަޔާއެކު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެމީހުން ވެސް ކޮޓަރީގައި ކަރަންޓީނު ކޮށްފައިވާ ކަމަށް ރިސޯޓުން ބުނެއެވެ.

ސަމާ އައިލެންޑު މިހާރު ވަނީ މީހުން އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކޮށްފައެވެ. އަދި އެ ރިސޯޓުގެ އިތުރުން ކުރެއްދޫ އައިލެންޑު ރިސޯޓާއި ވ. ތިނަދޫވެސް ވަގުތީ ގޮތުން މިހާރު ވަނީ މީހުން އަރާ ފޭބުން މަނާ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *