ހަލާލު ސެޓްފިކެޓަށް ޓެސްކުރާ ލެބޯޓަރީ ގާއިމްކުރުމަށް ބުރޫނާއި ސަރުކާރާއި މަޝްވަރާކޮށްފި

ރާއްޖޭގައި ކާބޯތަކެތި ހަލާލު ސެޓްފިކެޓަށް ޓެސްޓުކުރާ ހާއްސަ ލެބޯޓްރީއެއް ގާއިމް ކުރުމަށް ބްރޫނާއި ސަރުކާރުގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެއެވެ.

ރާއްޖެއިން މިގޮތަށް އެހީތެރިކަމަށް އެދިފައި މިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބްރޫނާއީ ދާރުއްސަލާމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ ދެކެވު ވާހަކަތަކުގެ ތެރޭގައެވެ.

ބްރޫނާއީ ދާރުއްސަލާމުގެ ބަންދަރްސެރީ ބެގަވާންގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުންނާއި ދެޤައުމުގެ ޚާރިޖިއްޔާގެ މެދުގައި ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ދެއްވާ ސްކޮލާޝިޕްތަކަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރައްވައި، އިތުރު ސްކޮލާޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދުމާއި ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދެއްވުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވެ، އިޖްތިމާޢީ ތަރައްޤީއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ބްރޫނާއީގެ ފޮރިން މިނިސްޓަރަށް ޝާހިދު ވަނީ ހިއްސާ ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ކާބޯތަކެތި ހަލާލް ސެޓްފިކެޓަށް ޓެސްޓްކުރުމަށް ޚާއްސަ ލެބޯޓްރީއަށް ޤާއިމްކުރުމަށް ބްރޫނާއީގެ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖޭގެ އުފެއްދުންތަކަށް ހަލާލް ސެޓްފިކެޓް ދޫކުރުމަށް، ނެޝަނަލް ހަލާލް ލެބޯރެޓަރީއެއް ގާއިމުކުރުމުގެ މަޝްރޫއު މާދަމާ ފަށާ ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅުމަށް ދިވެހި ސަރުކާރުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *