އިންތިހާބު ފަސް ކުރުމުގެ ވިސްނުމެއް އަދި ނެތް: އީސީ

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް: ފޮޓޯ / އަވަސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ނިންމާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށާއި އަދި އެއްވެސް ސިޔާސީ ޕާޓީއަކުންވެސް އެކަމަށް އެދިފައި ނުވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ޓާސްކް ފޯސްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި މެދު އަދި އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި ގިނައިން މީހުން އެއް އުޅޭ ތަންތަނަށް ދިއުން މަނާ ކޮށްފައި ނުވާ ކަމަށާއި އެފަދަ ތަންތަނަށް ނުދިއުމާއި ގިނަ މީހުން ބައިވެރި އެއްވާ އެއްވުންތައް ނުބޭއްވުމަށް ހަމައެކަނި އިލްތިމާސްކުރީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގެ ހާލަތު އޮތީ ވައިޓް އެލާޓުގައިކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ އަދި ސްކޫލުތައްވެސް ބަންދު ކުރަންޖެހޭ ހާލަތަކަށް ނުދާ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ކޭސްއެއް ވެސް ރާއްޖެއިން ޕޮޒިޓިވް ފެނިއްޖެ ނަމަ ހާލަތު ބަދަލުވެގެން ދާނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މިހާރުވެސް ފަރުކޮޅު ފުށީގައި ބައެއް މީހުން ވަނީ ކަރަންޓީން ކޮށްފައެވެ. މިއަދުވެސް ދެ ފަތުރުވެރިޔަކު ކޮށްފައިވާއިރު އިއްޔެވެސް ވަނީ ދެ މީހަކު ކޮށްފައެވެ. މީގެއިތުރުން އިޓަލީގެ ފަތުރުވެރިން ރާއްޖެއައުން މިރޭ 00:00އިން ފެށިގެން މަނާވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *