ގައުމުގެ ހާލަތު ރަނގަޅު ކުރުމުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑު: ރައީސް

އެމްޑީޕީ އަންހެނުން ރޫހު ކޮންފަރެންސްގައި ރައީސް ވާހަކަދައްކަވަނީ: ފޮޓޯ / އެމްޑީޕީ

ގައުމެއްގެ ހާލަތު ރަނގަޅު ކުރުމުގައި އަންހެނުންގެ ދައުރަކީ ވަރަށް ބޮޑު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި މިއަދު އެމްޑީޕީން ކުރިއަށް ގެންދާ އަންހެނުންގެ ރޫހުގެ ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ ހާލަތު ބަދަލު ކުރުމުގައި އަންހެނުންގެ ދައުރު އެހާމެ ބޮޑުއިރު ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓު ހާއްސަ ކުރެވިގެން ދިއުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އަންހެނުންނަށް ކައުންސިލްތަކުގެ 33 ޕަސެންޓު ހާއްސަ ކުރެވުމުން އެކަމުގެ ހެޔޮ ބަދަލުތައް ފެންނާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރެވުމުގެ ފޮނި މީރުކަން މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި ވޭތުވެދިޔަ ދުވަސްތަކުގައި އަންހެންކަނބަލުންގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ބޮޑެތި މުޒާހަރާތަކުގެ ކުރީ ސަފުގައި އަންހެންކަނބަލުން ހަރަކާތްތެރިވަމުން ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ އެ މަންޒަރުތައް ވަރަށް ގާތުން އެމަނިކުފާނު ދެކިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *