ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަކުރާނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށްގެނެއް ނޫން

ކޮވިޑް-19 އާ ގުޅިގެން ރައީސް ސޯލިހު އެކުލަވާލި ޓާސްކްފޯސްގެ ބައްދަލުވުމެއް ނިންމާލެއްވުމަށްފަހު ރައީސް ސޯލިހާއި ނާއިބު ރައީސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ދުނިޔޭގައި ހަލުވިކަމާއި އެކު މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހަރަދު ކުޑަ ކުރާނެ ކަމަށާއި ނަމަވެސް އެކަން ކުރާނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ކުޑަ ކޮށްގެން ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސްގެ ފަރާތުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައުން މަނާ ކުރަނީ އެކި ގޮތް ގޮތަށް ސަރުކާރުން ބެލުމަށްފަހު ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދޭނީ އާއްމު ރައްޔިތުންގެ ސިއްހަތަށް ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެ އެކަމުން އާމްދަނީ ހޯދަމުން ގެންދާ ގައުމަކަށްވުމުން ރާއްޖެއަށް އާމްދަނީ ނުވަދެދާނެތީ ފިޔަވަޅު އެޅުމުގައި ސަރުކާރުން ލަސްކަމެއް އުޅެދާނެ ކަމަށް ބައެއް ފަރާތްތަކުން ހީކޮށްފައިވާނެކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ރަނގަޅު ދުޅަހެޔޮ އިގްތިސޯދެއް އޮންނާނީ އެންމެ ފުރަތަމަވެސް ގައުމު ސަލާމަތްކަމާއި އެކީގައި އޮވެގެން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުން ހުރީ ދިވެހި އިގްތިސޯދު ހިންގަން. އަޅުގަނޑުމެން ފަހަތަށް ޖެހޭނެ ގޮތަކަށް ނޫން މިތިބީ. މާނައަކީ އިކޮނޮމިކް އެކްޓިވިޓީ އަޅުގަނޑުމެން ހިންގާނެ އެހެންނަމަވެސް އަޅުގަނޑުމެން ހަރަދު ކުޑަ ކުރާނެ. ހަރަދު ކުޑަ ކުރުމުގައި އަޅުގަނޑުމެން އިސްކަން ދޭނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމަށް ތިބި ސިވިލް ސާވިސްއާ މުވައްޒަފުންގެ މުސާރަ ކަނޑާކަށެއް ނޫން،" އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަރަދު ކުޑަ ކުރުމަކީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުން ނޫން ކަމަށާއި ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސަރުކާރުގެ ހަރަދުތައް ވަޒީރުންނާއި ގުޅުންހުރި ހަރަދުތައް ދައުލަތުގެ ދަތުރުތަކުގެ ހަރަދުތައް ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރާ ގޮތަށްވެސް ނިންމާފައިވާ ކަމަށެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވިއިރު ދައުލަތަށް ލިބިގެން ދިޔަ އާމްދަނީއަށް ވުރެ މިހާރުވެސް ދައުލަތުގެ ހަރަދުތައް ވަނީ މައްޗަށް ގޮސްފައެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މި އަހަރުގެ އަށްވަނަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 3.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް ހަރަދުގެ ގޮތުގައު 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އާސަންދައަށް ބަޖެޓުން 99 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދައުލަތުގެ ދަތުރުތަކަށް 22.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރަކަށް ހަރަދުކޮށްފައިވަނީ 29.2 މިލިއަން ރުފިޔާއެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ފާއިތުވި އަށް ހަފްތާގެ ތެރޭގައި 764.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 567.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ވިޔަފާރީގެ ފައިދާ އިން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 763.7 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރަށް ބަލައިރު 196.4 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މިދިޔަ މަހުގެ އާމްދަނީ އާއި ހަރަދުގެ ރިޕޯޓުގައި ޖެނުއަރީ މަހު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ މި އަދަދު 1.9 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

އާމްދަނީ މަތިވި ދާއިރާތަކުގެ ތެރޭގައި، ޓީޖީއެސްޓީ އަދި އެއާޕޯޓް ސާވިސް ޗާޖު ހިމެނެއެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު 485.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 519.6 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މި އަހަރު 68.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 59.2 މިލިއަން ރުފިޔާ އެވެ.

ފިނޭންސުގެ ރިޕޯޓުގައިވާ ގޮތުން ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 484.5 މިލިއަން ރުފިޔާ ޓެކްސް ނޫން ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 215.3 މިލިއަން ރުފިޔާ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.