ކަރަންޓީންގައި ތިބީ 6 މީހުން، އެންމެންވެސް ތިބީ ފަރުކޮޅުގައި!

ފަރުކޮޅުފުށި ---

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ކަރަންޓީން ކޮށްފައި ތިބީ ހަ މީހެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް ކަރަންޓީންގައި ތިބީ ހަ މީހަކު ކަމަށެވެ. އޭގެތެރޭގައި އަންހެނަކާއި ކުޑަ ކުއްޖެއްގެ އިތުރުން މިއަދު ކަރަންޓީން ކުރި އިޓަލީ ފަތުރުވެރިޔާ އަދި ޑޮކްޓަރުވެސް ހިމެނޭ ކަމަށެވެ. އަމީން ވިދާޅުވީ އެ ހުރިހާ އެންމެންވެސް ތިބީ ފަރުކޮޅު ފުށީގައި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުންކުރި ވިލިވަރުވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެކަން އިއުލާން ކުރީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މީގެކުރިން ސަރުކާރުން ބުނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅުންނަށް ހާއްސަ ކޮށްފައިވާ އާރަށްވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ރަށުގައި މިހާރުވެސް މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ނަމަ މުޅި ރަށް އޮތީ ތައްޔާރުގައި ކަމަށެވެ. އަދި އެރަށުގައި ޖުމްލަ 30 މީހުން އެއްފަހަރާ ކަރަންޓީން ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ހުރިހާ މީހުންވެސް އެކަހެރިކޮށްފައި ވަނީ ފަރުކޮޅު ފުށީގައިކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ފަރުކޮޅު ފުއްޓަށް މީހުން ގެންނަނީ އަލާމާތްތަކަށް ބަލާފައި “ކައިރިން ފަރުވާ ދޭންޖެހޭ” ކަމަށް ފެންނަ މީހުން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތު މިވަގުތު އޮތީ ވައިޓް އެލާޓު ނުވަތަ ހުދު ސަމާލުގައެވެ. ނަމަވެސް ވ. ތިނަދޫ އަދި ޅ. ކުރެއްދޫ އައިލެންޑު ރިސޯޓު މިވަގުތު އޮތީ ވަގުތީ ގޮތުން މީހުން އަރާ ފޭބުން މަނާ ކޮށްފައެވެ. އެކަމަށް އިތުރު ފިޔަވަޅެއް އަޅާނީ އިޓަލީ ފަތުރުވެރިޔާ އަދި ޑޮކްޓަރުގެ ނަތީޖާތައް ލިބުމުން ކަމަށް ސަރުކާރުން ބުންޏެވެ. ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ފަތުރުވެރިން ރާއްޖެ އައުން ވެސް ވަގުތީ ގޮތުން މަނާ ކޮށްފައެވެ. އެގޮތުން މާދަމާ ރޭގެ 00:00އިން ފެށިގެން އިޓަލީގެ އެއްވެސް ފަތުރުވެރިއަކަށް ރާއްޖެ އެތެރެ ނުވެވޭނެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އެއްލައްކަ އަށްވުރެ ގިނަ މީހުންނަށް މިހާރު ވަނީ ޖެހިފައެވެ. ވައިރަސް ފެނުނު ޤައުމުތަކުގެ އަދަދު މިހާތަނަށް ވަނީ 94 އަށް އަރާފައެވެ. މިހާތަނަށް މި ވައިރަސް ޖެހިގެން 3408 މީހަކު ވަނީ މަރުވެފައެވެ. އަދި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.