ވިލިވަރުވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމައިފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

މީގެކުރިން ރިސޯޓެއްގެ ގޮތުގައި ބޭނުންކުރި ވިލިވަރު ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މީގެކުރިން ސަރުކާރުން ބުނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅުންނަށް ހާއްސަ ކޮށްފައިވާ އާރަށްވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ރަށުގައި މިހާރުވެސް މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ނަމަ މުޅި ރަށް އޮތީ ތައްޔާރުގައި ކަމަށެވެ. އަދި އެރަށުގައި ޖުމްލަ 30 މީހުން އެއްފަހަރާ ކަރަންޓީން ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ހުރިހާ މީހުންވެސް އެކަހެރިކޮށްފައި ވަނީ ފަރުކޮޅު ފުށީގައިކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ފަރުކޮޅު ފުއްޓަށް މީހުން ގެންނަނީ އަލާމާތްތަކަށް ބަލާފައި “ކައިރިން ފަރުވާ ދޭންޖެހޭ” ކަމަށް ފެންނަ މީހުން ކަމަށެވެ.

“އެ ރިސޯޓުގައިވެސް އަދި އެހެން ރަށެއްގައިވެސް އެރަށުގައި ބަހައްޓައިގެން ނުވަތަ ހޯމް އައިޒޮލޭޝަންގައި ބަހައްޓަން ޖެހިއްޖިއްޔާމު އެގޮތަށްވެސް މީހުން ބަހައްޓާނެ. އެހެންވީމަ ރިސޯޓުގައި އިތުރަށް ބަލަންޖެހޭ ބެލުންތަކަށް ބަހައްޓާފައި ތިބު މީހުންގެ އަދަދު އަޅުގަނޑުމެން ހިއްސާ ކޮށްދޭނަން. ފަރުކޮޅަށް ގެންނަނީ ފަރުކޮޅަށް ގެންނަންޖެހޭ ވަރަށް ސިމްޕްޓޮމްސްތައް ފެނުނީމަ. ދެން އެނގިވަޑައިގަންނަވާނެ ރާއްޖޭގައި އެތައް ޓެސްޓެއް ކުރެވިއްޖެ، ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ޓެސްޓެއް ވެސް ނެގެޓިވް. އެހެންވީމަ ގެންނަނީ ބަލި ޖެހިގެނެއް ނޫން. ބަލި ޖެހުނުތޯ ނުވަތަ ނޫންތޯ އެނގޭނީ ޓެސްޓު ހެދުމަށްފަހު،” އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖެއިން މިބަލި ފެނި މީހުން އެކަހެރި ކުރަން ޖެހިއްޖެ ހާލަތެއްގައި މީހުން އެކަހެރި ނުކުރެވި ނުހުންނާނެ ކަމަށެވެ.

“އަޅުގަނޑު ކުރިންވެސް ދެންނެވިން ރާއްޖޭގެ ރިސޯޓުތައް ހުސްކޮށްފައި މީހުން ކަރަންޓީން ކުރަން ޖެހުނަސް އެކަން ކުރާނޭ ސަރުކާރުން. އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންގެ އެ ކޮންފިޑެންސް އޮތީމަ ޕްލޭންތައް ހަދާފައި ތައްޔާރަށް އޮތީމަ،” އަލީ ވަހީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތަކީ ރާއްޖޭގެ ޕޮޒިޓިވް ކޭސްއެއް ނެތުމުން ސަވައިލެންސް ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެމީހެއްގެ ހާލަތަށް ބެލުމަށްފަހު ގޭގަ މަޑުކުރަންޖެހޭ ހާލަތެއް ހޮސްޕިޓަލުގައި ހުރެގެން ފަރުވާދޭން ޖެހޭ ހާލަތެއް ނުވަތަ ކްލިނިކަލް ތަނެއްގައި ހުރެގެން ފަރުވާ ދޭންޖެހޭ ހާލަތްތައް ހުންނާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.