ކޮވިޑް-19 އާ ގުޅިގެން އިޓަލީން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފި

ވީއައިއޭ އެއާޕޯޓުގައި ފަތުރުވެރިންތަކެއް: ފޮޓޯ / އަވަސް

ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ފަތުރުވެރިން ރާއްޖެއަށް އައުން ވަގުތީ ގޮތުން ސަރުކާރުން މަނާކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މާދަމާ ރޭ މެންދަމު 12:00 އިން ފެށިގެން އިޓަލީން ރާއްޖެ އަށް މީހުން އައުން މަނާކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މާދަމާ ރޭގެ ދަންވަރު ބާރަ ޖަހާއިރުން ފެށިގެން އިޓަލީ ވިލާތުން ވަގުތީ ގޮތުން ދިވެހިރާއްޖެއަށް ފަތުރުވެރިންނަށް ނާދެވޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައި މިވަނީ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މުޅި ދުނިޔޭގައިވެސް އިޓަލީގެ ރައްޔިތުން އެހެން ގައުމުތަކަށް ވަގުތީ ގޮތުން މަނާ ކޮށްފައި ވަނީ 12 ގައުމަކުން ކަމަށެވެ. އަދި ވިދާޅުވީ ޔޫރަޕްގެ އެކި ގައުމުތަކަށް ކޮވިޑް-19 ފެތުރެމުން ދަނީ އިޓަލީން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އިޓަލީގެ ފަތުރުވެރިން ރާއްޖެ އައުން މެދުކަނޑާލީ އެ ހުރިހާ ކަމަކަށްވެސް ބެލުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރަށް އިގްތިސޯދު އަންނާނީ ވެސް ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަހު ކަމަށެވެ. އެގޮތުން މިފަދަ އިތުރު ނިންމުމެއް އެހެން ގައުމަކަށް ނަގަން ޖެހިއްޖެ ނަމަވެސް ސަރުކާރުން ނެގުމަށް ތައްޔާރަށް ހުންނެވި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ތަފާސް ހިސާބުތަކަށް ބަލާއިރު ލޮމްބާޑީ އޮމަންޔާ އަދި ވެނުއެޓޯ މި ތިން ސަރަހައްދުގައި އެންމެ ބޮޑަށް ފެތުރިފައިވަނީ [ކޮވިޑް-19]. މި ސަރަހައްދުގެ ގިނަ ޓައުންތައް މިވީ ދުވަސްތަކުގައި ވަނީ ބަންދުވެސް ކުރެވިފައި. މި ޑިސިޝަން އަޅުގަނޑުމެން މި ނެގީ ބަންދުކުރެވިފައި އޮތް ކަމުގައިވިއަސް ޔޫރަޕްގެ އެހެން ގައުމުތަކަށް ހުއްޓުމެއް ނެތި ފެތުރެމުންދާ މެއިން ހަބެއްގެ ގޮތުގައި އިޓަލީ ފާހަގަކުރެވިފައިވާތީ،" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖެއަށް އިޓަލީން އައިސްފައި ތިބި ފަތުރުވެރިންނަށް ދަތި ނުވާނެ ގޮތަށް ސަރުކާރުން ކަންކަން އިންތިޒާމު ކުރަމުން ގެންދާނެ ކަމަށެވެ.

މީގެކުރިންވެސް ސަރުކާރުން ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެންމެ ފުރަތަމަވެސް މަނާ ކުރީ މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުމެވެ. އަދި ހާލަތު އިތުރަށް ގޯސްވެ ޗައިނާގެ މެއިން ލޭންޑުން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެވެވޭނީ ހަދަންޖެހޭ ސްކްރީނިންތައް ހެދުމަށް ފަހު ކަމަށް ސަރުކާރުން ނިންމިއެވެ. ކިރިޔާވެސް ބައްޔަށް ޝައްކު ކުރެވޭ ނަމަ އެމީހަކު އެކަހެރި ކުރެއެވެ. އަދި އޭގެފަހުން ސައުތު ކޮރެއާގެ ވަކި ސަރަހައްދުތަކަކުން ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އެއްލައްކަ އަށްވުރެ ގިނަ މީހުންނަށް މިހާރު ވަނީ ޖެހިފައެވެ. ވައިރަސް ފެނުނު ޤައުމުތަކުގެ އަދަދު މިހާތަނަށް ވަނީ 94 އަށް އަރާފައެވެ. މިހާތަނަށް މި ވައިރަސް ޖެހިގެން 3408 މީހަކު ވަނީ މަރުވެފައެވެ. އަދި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *