މާލެއިން ޝެންގަން ވިސާ ލިބޭނެ ގޮތް ހަމަޖައްސަނީ

"މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގެ ހަވަނަ ބައްދަލުވުން ---

ޝެންގެން ވިސާ ހޯދުމަށް މީގެކުރިން އިޓަލީވިލާތަށް ދަތުރު ކުރާ ދިވެހިންނަށް މާލެއިން ޝެންގެން ވިސާ ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނެކަން މޯލްޑިވްސްއީޔޫ ޕޮލިސީ ޑައިލޮގްގެ ހަވަނަ ބައްދަލުގައި އިއުލާން ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު ހިމެނިވަޑައިގަންނަވާހެން ދައުލަތުގެ އިތުރު ފަސް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެ ބައްދަލުވުމުގައި ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށާއި، ރާއްޖެއިން ބާނާ މަހަށް ޔޫރަޕްގެ މާކެޓްގައި ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ބުންޏެވެ.

ރާއްޖެއަށް ފައިދާކުރުވަނިވި އެކިދާއިރާތަކުން އީޔޫއާއެކު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އީޔޫ ވަފުދުގެ ވެރިއަކަށް ހުންނެވީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އިޓަލީވިލާތަށް ދަތުރުކުރާ ދިވެހިންނަށް މާލެއިން ޝެންގެން ވިސާ ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނެކަން ވަނީ އިއުލާންކުރައްވާފައެވެ. އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އިއްޔެ ވިދާޅުވީ، ރާއްޖޭގައި 2020 ވަނައަހަރު ގާއިމުކޮށްފައިވާވިސާ ފެސިލިޓޭޝަން ސާވިސް ސެންޓަރު” (ވީއެފްއެސް) މެދުވެރިކޮށް އިޓަލީއަށް ދާން ދޫކުރާ ޝެންގެން ވިސާ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

އިޓަލީވިލާތުން ޝެންގެން ވިސާ ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސެވުމުން މިހާރު ރާއްޖެއިން ޔޫރަޕުގެ ފަސް ގައުމެއްގެ ޝެންގެން ވިސާ ލިބިގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެއީ ޖަރުމަނުވިލާތާއި ޗެކްރިޕަބްލިކު، އޮސްޓަރިޔާއާއި ހަންގޭރީ އަދި އެންމެ ފަހުން ހަމަޖެހުނު އިޓަލީ ވިލާތެވެ.

އިއްޔެ އީޔޫއާ އެކު ބޭއްވި މަޝްވަރާތަކުގައި މައިގަނޑު ފަސް ކަމެއްގެ މައްޗަށް މަޝްވަރާ ކުރެވުނެވެ. އެއީ،ޑިމޮކްރަސީ، ގަވަނެންސް އަދި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށާއި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމަށާއި ވިޔަފާރި، ޓޫރިޒަމް، އިންވެސްޓްމަންޓް، ފައިނޭންސް އަދި އިގުތިސޯދީގޮތުން އެހީތެރިވުމަށާއި ތިމާވެށި އަދި މޫސުމީ ބަދަލު ތަކާބެހޭ ގޮތުންނާއި ޝެންގެން ވިސާއާ ބެހޭ ގޮތުންނެވެ.

އީޔޫގެ 17 ގައުމެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެ މަޝްވަރާ ބައްދަލުވުމުގައި ދިވެހި ވަފުދުގެ ވެރިޔާ، މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއިން ކޮށްފައިވާ މުހިއްމު ބައެއް މަސައްކަތްތަކުގެ ތަފްސީލު ވެސް ހިއްސާކުރައްވައިފައެވެ. އޭގެ ތެރޭގައި، އަންހެނުންނަށް ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓުގެ ކޯޓާއެއް ކަނޑައެޅުމާއި، ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ހެއްކާ ބެހޭ ގާނޫނު ވުޖޫދުކޮށް، އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ނަން ހިނގާ، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމާއި އެ ޖަމާއަތުގެ ހިއުމަން ރައިޓްސް ކައުންސިލްގެ 2023-2025 ގެ ދައުރަށް ރާއްޖެއިން އިންތިހާބުވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އީޔޫގެ އެމްބެސެޑަރު ޑެނިސް ޗައިބި ވަނީ އދ. ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް އަދި އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައި ރާއްޖޭން ކުރި މަސައްކަތަށް ތައުރީފްކުރައްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވާދަކުރި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް އެއިންތިހުބު ވެސް ރާއްޖެއިން ކާމިޔާބުކޮށް ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ހޯދާފައިވާ ކަމަށެވެ. އެހެން ކަމުން އެކާމިޔާބީއަށް ވެސް ޑެނިސް މަރުޙަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ އާއި އީޔޫގެ ގުޅުން ހަރުދަނާކުރަން ބާއްވާ ބައްދަލުވުމުގައި އެންމެ މުހިއްމު އެއް ކަމަކީ ސަލާމަތީ ކަންކަމާ ގުޅޭ މަޝްވަރާ ކަމަށެވެ. އެގޮތުން ޔޫރަޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނައިރު، އެ އެންމެންގެ ރައްކާތެރިކަމާ ގުޅޭ މަސައްކަތްތައް މުހިއްމުކަން ސަފީރު ފާހަގަކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.