ޓެކްސް ބޮޑުވިޔަސް، ރާއްޖޭގެ އިންފްލޭޝަން ދުނިޔެއާ އަޅާބަލާއިރު ދަށްވާނެ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު --- ފޮޓޯ / ރައީސް އޮފީސް

ޓެކްސް ބޮޑުވި ނަމަވެސް ރާއްޖޭގެ އިންފްލޭޝަން ދުނިޔެއާ އަޅާ ބަލާއިރު ދަށް ވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ރާއްޖޭގެ ރިޒާވަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަ އަހަރު އަންނާނެ ކަމަށެވެ. ޖީއެސްޓީ ބޮޑުކޮށްގެން އިންފްލޭޝަނު އުޅޭނީ ގާތްގަނޑަކަށް 5.5 ޕަސެންޓުގައި ކަމަށް ވެސް މިއުވާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

“އިންފްލޭޝަން ހުންނާނެ ކަމަށް ލަފާ ކުރެވޭ ރޭޓަށް ބަލާއިރު ގާތްގަނޑަކަށް 5.5 އިންސައްތައިގައި އުޅޭއިރު ރާއްޖެއާ އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ދަށް ރޭޓެއް،” މިއުވާން ވިދާޅުވިއެވެ.

މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ)އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ސަރުކާރުފެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކުރި ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ތަސްދީގު ކުރައްވައިފައެވެ.

މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ)އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ ބޮޑު ކުރަން ނިންމައިފައެވެ. އެގޮތުން މީގެކުރިން 12 ޕަސެންޓުގައި ހުރި ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ހަ ޕަސެންޓުގައި ހުރި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރުމަށް ވަނީ ނިންމައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.