ތަހުގީގު ފުރިހަމަ ކުރުމަށް ތިން މަހަށް ބަންދު ކުރެވޭ ގޮތަށް ހަދައިފި

އެސްއޯ ފުލުހުންތަކެއް: ފޮޓޯ / ހަތާވީސް

ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ފުލުހުންގެ ބަންދުގައި އެމީހަކު ބެހެއްޓުމަށް ލިބޭ މުއްދަތު ތިން މަސް ދުވަހަށް އިތުރު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައެވެ.

ގާނޫނުގައި މިހާރު އޮންނަނީ ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، އެ މައްސަލައިގެ ބާވަތުން 30 ދުވަހުގެ ތެރޭގައި ތަހުގީގު ފުރިހަމަ ނުކުރެވޭ ނަމަ، ތަހުގީގުގެ މުއްދަތު ގިނަވެގެން އިތުރު 45 ދުވަހަށް އިތުރުކޮށްދިނުމުގެ ބާރު ޕީޖީއަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް މިހާރު ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން މީހަކު ކުރި ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރެވިދާނެ މައްސަލައެއް ކަމުގައި ނުވާ ނަމަ، އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ހުށަހެޅިދާނެ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެފަދައިން ޕީޖީ އަށް އެދެވޭނީ 60 ދުވަސް ކަމަށް ގާނޫނަށް ގެނައި ބަދަލުގައިވެއެވެ.

އެގޮތަށް މުއްދަތު އިތުރު ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހަޅާނީ ގާނޫނު ތަންފީޒު ކުރާ އިދާރާ އިން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޕީޖީ އިން އެކަމުގައި ނިންމާ ގޮތް ލިޔުމުން ބަޔާން ކުރަން ވާނެ ކަމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވެއެވެ.

އެ މުއްދަތުގެ ތެރޭގައިވެސް ތުހުމަތު ކުރެވޭ މީހާގެ ތަހުގީގު ފުރިހަމަ ނުކުރެވިއްޖެ ނަމަ އެމީހަކު ބަންދުން ދޫކޮށްލަން ވާނެ ކަމަށް އިސްލާހުގައިވެއެވެ. ނަމަވެސް ބަންދުން ދޫކޮށްލާއިރު އެމީހަކު ފުރުން މަނާ ކުރަންޖެހޭ ހާލަތެއް އޮތް ނަމަ އެކަމަށް އެދި ތަހުގީގީ އިދާރާއިން ހުށަހެޅޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.