ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރި ކުރުމަށް އެޗްޑީސީން ހުއްދަ ދެނީ

ހުޅުމާލޭ ފޭސް އެކެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް --

ހުޅުމާލޭގައި ވިޔާފާރިތައް ކުރިއެރުވުމުގެ ގޮތުން އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރިކުރުމަށް ހުއްދަދިނުމަށް އެ ކޯޕަރޭޝަނުންވަނީ ނިންމާފައެވެ.

އެޗްޑީސީން ބުނީ އެގޮތުން، ހުއްދަ ދޫކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައި ވަނީ އަމިއްލަ ފަރާތްތަކުން ހުޅުމުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

އެގޮތުން، ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތް ދޭ ވިޔަފާރި ފުރަތަމަ ފަންގި ފިލާގައި ކުރެވޭނެ ކަމަށާއި ނަމަވެސް، ހުޅުމާލެގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން، ގަރާޖު އަދި ގުދަންކުރުމަށް ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ބޭނުންކުރުމަކީ މަނާކަމެކެވެ.

ހުޅުމާލެގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ދޫކުރަން އެ ކޯޕަރޭޝަނުން ނިންމީ، މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓްގެ އެދިލެއްވުމަކަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުމުގެ ގޮތުން އަދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަތަކެއް އިކޮނިމިކް މިނިސްޓްރީ ދަނީ ކުރަމުންނެވެ. އެފަދަ ވިޔަފާރި ކުރިއެރުމަށް ފަސޭހަކަމާ އެކު ލޯނު ލިބޭނެ އިންތިޒާމު މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ހުޅުމާލޭ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅުމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާނެކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އެ ކޯޕަރޭޝަނުން ބުނީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އެ ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.