ރ. އަތޮޅަށް ގެނައި ބަދަލު: ބިގޭ ވިދާޅުވަނީ މިވީ ދުވަސްތަކާ ނުބައްދަލު ކަމަށް

އަލިފުށި ބިން ހިއްކުމާއި އެއާޕޯޓް މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އެމްޓީސީސީ ސީއީއޯ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު ބިގޭ-- ފޮޓޯ/ އެމްޓީސީސީ

ހަޔާތުގައި ނިމިދިޔަ ދުވަސްތަކާ ނުބައްދަލު މިންވަރަށް ރ. އަތޮޅަށް ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހިންގަމުން ގެންދާ ކަމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ބަޖެޓް ބަހުސް ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ބިގޭ ވިދާޅުވީ ޝަމްޝުއްދީން ރަދުންގެ ޒަމާނުން ފެށިގެން، މިހާތަނަށް ނުކުރާހާ މަސައްކަތް ރާއްޖޭގައި ހިނގަމުންގެންދާ ކަމަށެވެ.

ޝަމްޝުއްދީން ރާއްޖޭގެ ރަސްކަމަށް އިސްކުރެވުނީ 1893 ވަނަ އަހަރުއެވެ. އޭނާގެ ރަސްކަމުން ފެށިގެން މިއަދާހަމައަށް 129 އަހަރު ފާއިތުވެއްޖެއެވެ. ބިގޭ އެ ވިދާޅުވަނީ އެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ފާއިތުވެދިޔަ މުއްދަތުގައި ނުހިނގާ މިންވަރަށް ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިނގާފައިވާ ވާހަކައެވެ.

“އަޅުގަނޑުމެންގެ ހަޔާތުގައި މި ދިޔަ ހުރިހާ ދުވަހަކާއި ނުބައްދަލު މިންވަރަށް ރ. އަތޮޅުގައި މަސައްކަތް ހިންގައިފި. ރ. އަތޮޅުގެ އެއްވެސް ރަށެއް ނެތް، 6، ނުވަތަ 8 ޕްރޮޖެކްޓް ނުހިނގާ މިވަގުތު،” އަލިފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ބިގޭ ވަނީ އޭނާގެ ދާއިރާގައި ހިމެނޭ 4 ރަށުގައި މި ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ މަޖިލީހުގައި ތަފްސީލުކޮށްދެއްވާފައެވެ.

“ޚާއްސަކޮށް އަލިފުށި ދާއިރާއަކީ ފާއިތުވެދިޔަ ސަރުކާރުތަކުގައި ބާކީކޮށްލެވިފައި އޮތް ދާއިރާއެއް. ވާދަވެރި، ސަރުކާރާ ގުޅުމެއް ނެތް މެމްބަރެއް ހުންނަ ދާއިރާއަކަށްވީތީ ބާކީކޮށްފައި އޮންނަ ދާއިރާއެއް. އެހެންނަމަވެސް ބާކީވިތަން ފޫބެއްދުމަށްޓަކާ އަޅުގަނޑު ވައުދުވި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ މި ދަނީ ރަނުން ރަނަށް ފުދެމުން،” ބިގޭ ވިދާޅުވިއެވެ.

ރ. އަނގޮޅިތީމުގައި ކުރިއަށްދާ މަޝްރޫއުތައް: ލެބޯޓްރީ، އިޖުރިމާއީ މަރުކަޒު، އައުޑޯ ޖިމެއް، ފުޓްބޯޅަ ދަނޑެއް، ބަނދަރާއި ޖެޓީ، ފެނާއި ނަރުދަމާ، ކޯޓުގެ އާ އިމާރާތް، ފެނަކަ އާ އޮފީހާއި އިންޖީނުގެ.

ރ. ވާދޫ: ހެލްތު ސެންޓަރު އަޕްގްރޭޑު ކުރުން، ކްލާސްރޫމްގެ މަސައްކަތް، ފުޓްބޯޅަ ދަނޑެއް، އައުޑޯ ޖިމެއް، ގޮނޑުދޮއް ހިމާޔަތްކުރުން، ފެނާއި ނަރުދަމާ، މިސްކިތް ނިމިފައި، ފެނަކަ އިންޖީނުގެ އާއި އޮފީސް، ބަނދަރު އަޕްގްރޭޑްކުރުން

ރ. އަލިފުށި: މަލްޓިޕާޕަސް ހޯލެއް، ޓިވެޓް ސެންޓަރެއް، ހޮސްޕިޓަލެއް އިމާރާތްކުރުން، ސްޕޯޓްސް ކޮންޕްލެސް، ބަނދަރު އަޕްގްރޭޑުކުރުން، ބިން ހިއްކުން، މަގުހެދުން، ފެނުގެ ނިޒާމު، ޕޮލިސް ސްޓޭޝަނެއްގެ މަސައްކަތް، އިންޖީނުގެ އާއި މިސްކިތް، އެއާޕޯޓް

 

 

ހިޔާލު ދެއްވާ!

Your email address will not be published.