މޮޅަށް ކުޅެގެންވެސް، ބެލްޖިއަމް އަތުން ކެނަޑާ ބަލިވެއްޖެ

ކެނަޑާއާއި ބެލްޖިއަމް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ގެޓީ އިމޭޖެސް

ވޯލްޑްކަޕުގައި މިރޭ ކުޅުނު ފަހު މެޗުގައި ކެނަޑާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ބެލްޖިއަމުން މެޗުން މޮޅެއް ހޯދައި ތިން ޕޮއިންޓް ޔަގީންކޮށްފިއެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ބެލްޖިއަމް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ފައިޓެއް ދިނުމަށްފަހު ޓީމެއް ބަލިވި ފުރަތަމަ ފަހަރަށްވީ އިރު، މި މެޗުގައި ކެނަޑާއިން ވަނީ 22 ޝޮޓު މެޗުގައި ހަދައިފައެވެ. މެޗުން މޮޅުވި ބެލްޖިއަމަށް މެޗުގައި ހެދުނީ އެންމެ ނުވަ ޝޮޓެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު އޮތް ވޯލްޑްކަޕުގެ ލޯ މެޑަލް ހޯދި ބެލްޖިއަމުން ވަރުގަދަ ސްކޮޑަކާއެކު މިއަދުގެ މެޗަށް ނުކުތް ނަމަވެސް މެޗު ފަށައިގެން މޮޅަށް ކުޅެފައިވަނީ ކެނަޑާއިންނެވެ. ފުލުފުލުގައި ކެނަޑާއިން ހަމަލާތައް އުފެއްދިއިރު، އެ ޓީމަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ ނުވަވަނަ މިނަޓުގައެވެ.

ބެލްޖިއަމްގެ ޔެނިކް ކަރަސްކޯގެ އަތުގައި ޖެހިގެން ބެލްޖިއަމަށް ޕެނަލްޓީ ލިބުނު އިރު، އެ ޕެނަލްޓީ ފޮނުވާލަން ދިޔައީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ތަރި އަލްފަންސޯ ޑޭވިސް އެވެ. ޑޭވިސް ފޮނުވާލި އެ ޕެނަލްޓީ ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

ޕެނަލްޓީގެ ނާކާމިޔާބަށްފަހު ވެސް ކެނަޑާއިން ހިތްވަރާއެކު ކުޅެ، ބެލްޖިއަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވަނީ ފޮނުވާލައިފައެވެ. ފުރުސަތުތައް ކެނެޑާއަށް އޮހެމުން ދިޔަ ނަމަވެސް މަދުވީ ގޯލެކެވެ.

އެ ގޯލު މަދުވުމަކީ ބޮނޑިއެއް ލިބިދާނެ ކަމެއްކަން އެނގިތިބެ ކެނެޑާއިން ފަހަތަށް ކޮންމެވެސް ވަރަކަށް ސަމާލުކަން ދެމުން ދަނިކޮށް، ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ބެލްޖިއަމްގެ މިޗީ ބަޓްސްޝުއާއީ ގޯލު ޖަހައި މެޗުގެ ލީޑު ނެގިއެވެ.

ދެވަނަ ހާފުގައި ކެނެޑާ އިން ބޮޑަށް ބެލީ ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްތަކެއް ނަގައިގެން އެޓީމުގެ ގޯލަށް ނުރައްކާ ކުރަން ކަމަށްވާއިރު ކެނެޑާ އަށް މި ހާފުގައި ބެލްޖިއަމްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ.

ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ދެން ބައްދަލުކުރާނީ މޮރޮކޯއާ އެވެ. އަދި ކެނެޑާ ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.