ކޮސްޓަރިކާ ކޮޅަށް ހަތް ގޯލު ޖަހައި ސްޕެއިނުން ބޮޑެތި ރެކޯޑުތަކެއް މުގުރާލައިފި

ސްޕެއިނާއި ކޮސްޓަރިކާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//ގެޓީ އިމޭޖެސް

ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި ކޮސްޓަރިކާ ކޮޅަށް ހަތް ގޯލު ޖެހި މެޗުގައި ސްޕެއިނުން ބޮޑެތި ރެކޯޑްތަކެއް މުގުރާލައިފިއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ. ޖަރުމަނާއި އާޖެންޓީނާގެ ހިތްދަތި ބައްޔަށްފަހު ސްޕެއިނުން އެ ޓީމުގެ ފެންވަރު މިރޭ ދައްކާލި އިރު އެ ޓީމުން ވަނީ ތާރީހީ ރެކޯޑްތަކެއް މުގުރާލައިފައެވެ.

އެގޮތުން ސްޕެއިނުން ވަނީ ފުރަތަމަ ހާފުގައި އެކަނި 537 ޕާސް ފުރިހަމަކޮށް، ވޯލްޑްކަޕް މެޗެއްގައި އެންމެ ގިނަ ޕާސް ޖެހި ޓީމަށްވެފައެވެ. އެ ޓީމާއި އެންމެ ގާތް ކުރި ޖަރުމަނުން ވެސް ޕާސް ޖެހިފައިވަނީ 100 ޕާސް މަދުންނެވެ.

މިރޭގެ މެޗުގައި ސްޕެއިނުން މެޗުގައި ލީޑު ނެގީ 11 ވަނަ މިނަޓުގައެވެ. ޑެނީ އޮލްމޯ ޖަހައިދިން އެ ގޯލާއެކު ސްޕެއިނުން ލީޑު ނެގި އިރު، މި ގޯލަށްފަހު ވެސް ސްޕެއިނުން ދިޔައީ ކޮސްޓަރީކާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޖޯޑީ އަލްބާ ކޮސްޓަރީކާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ގޯލަށް ފޮނުވާލައިގެން ސްޕެއިންގެ ދެވަނަ ގޯލް މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކޯ އެސެންސިއޯ އެވެ.

އެއަށްފަހު ފެރާން ޓޮރެސް ސްޕެއިނަށް އިތުރު ދެ ގޯލު ޖަހައިދިން އިރު، ފަސްވަނަ ގޯލަކީ ބާސެލޯނާއަށް ކުޅެމުން އަންނަ 18 އަހަރުގެ ގަވީ ޖެހި ގޯލެކެވެ. މި ގޯލާއެކު ގަވީ ވެގެން ގޮސްފައިވަނީ ސްޕެއިނުގެ ތާރީހުގައި ވެސް އެންމެ ޒުވާން އުމުރުގައި ވޯލްޑްކަޕް ގޯލެއް ޖެހި ކުޅުންތެރިޔާއެވެ.

ސްޕެއިންގެ ފަހު ދެ ގޯލް ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އެގޮތުން އެޓީމުގެ ހަވަނަ ގޯލް ކާލޮސް ސޮލާ ކާމިޔާބުކޮށްދިންއިރު ހަތްވަނަ ގޯލް ކާމިޔާބުކޮށްދިނީ މޮރާޓާ އެވެ.

ގްރޫޕް ސްޓޭޖުގައި ސްޕެއިން ދެން ބައްދަލުކުރާނީ ޖަރުމަނާ އެވެ. އަދި ކޮސްޓަރީކާ ނިކުންނާނީ ޖަޕާންއާ ދެކޮޅަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.