ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހުގެ ޓެރިފް ކުޑަކުރުމަށް މަޝްވަރާ ކުރައްވައިފި

އީޔޫގެ ސަފީރުންނާއި ރައީސް ސޯލިހު އަދި ސަރުކާރުގެ ބައެއް އިސްވެރިން --- ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާއި ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފިއެވެ.

އެ ވަފުދުގެ ބޭފުން ރާއްޖެ ވަޑައިގެން އުޅުއްވަނީ ހަ ވަނަ “މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް” ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ

ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ދެނިސް ޗައިބީއެވެ.

ރައީސް އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ވަފުދުގެ ބޭފުޅުން ވަނީ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްގެ އެޖެންޑާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫރަޕަށް ދަތުރުކުރާ ރާއްޖޭގެ ދަތުރުވެރިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އީޔޫގެ ސަފީރުންނާއި ރައީސް ސޯލިހު އަދި ސަރުކާރުގެ ބައެއް އިސްވެރިން — ފޮޓޯ / ރައީސް އޮފީސް

އީޔޫގެ ވަފުދުގެ ބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއާ އިތުރަށް ގުޅުންބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓައި ރާއްޖޭން އަދާކުރި އިސްދައުރު ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލު ( ޔޫ.އެން.އެޗް.އާރު.ސީ) ގެ 2023-2025 ވަނަ ދައުރުގެ މެންބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައި ވާތީ އެކަން ފާހަގަކުރައްވައި އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން ވަފުދުގެ ބޭފުޅުން ވަނީ ޔޫ.އެން.އެޗް.އާރު.ސީ މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

އަދި ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އީޔޫއާ ދެމެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

“ހަ ވަނަ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް” ބާއްވަނީ 23 ނޮވެންބަރު 2022 ގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.