ފަތަހުން އަރާ ޖަރުމަނުގެ މައްޗަށް ކުރި ހޯދާ، ޖަޕާނު ތަފާތު ދައްކައިފި

ޖަރުމަނާއި ޖަޕާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖެސް

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި ފަހަތުން އަރައި ވަރުގަދަ ޖަރުމަނުގެ މައްޗަށް ޖަޕާނުން ކުރި ހޯދައިފިއެވެ.

ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ޖަޕާނުން ޖަރުމަނު ބަލިކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި އޭޝިއާގެ ޓީމަކުން ފުޓުބޯޅައިގެ ގަދަބާރެއް ބަލިކުރި ދެވަނަ ފަހަރެވެ. އިއްޔެ ކުޅުނު މެޗެއްގައި ސައުދީ އަރަބިއްޔާއިން ވަނީ އާޖެންޓީނާ އަތުން ވެސް މި ސްކޯގައި މޮޅުވެފައެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފަހަތުން އަރައި ޖަޕާނުން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަރުމަނު ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ.

މިރޭގެ މެޗު ފަށައިގެން ޖަރުމަނުން މޮޅަށް ކުޅެ ފުރަތަމަ ހާފުގައި ވަނީ ލީޑު ނަގައިފައެވެ. ޖަރުމަނުން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ގޮސް ލީޑު ނެގީ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ރާމްއަށް ޖަޕާން ކީޕަރު ގޮންޑާ ކުރި ފައުލަކާ ގުޅިގެން ޖަރުމަނަށް ލިބުނު ޕެނަލްޓީގައި ލީޑު ނަގައިދިނީ އިލްކާއީ ގުންޑޮގަންއެވެ.

ފުރަތަމަ ހާފާ ޙިލާފަށް ދެވަނަ ހާފު ވެގެން ދިޔައީ ޖަޕާނުގެ ހާފަކަށެވެ. އެގޮތުން 75 ވަނަ މިނަޓުގައި ޖަޕާނުން ވަނީ ނަތީޖާ ހަމަހަމަކޮަށްފަ އެވެ. އެއާއެކު ޖަޕާނު ޓީމަށް ހިތްވަރު ލިބިގެންދިޔައެވެ.

އެޓީމުން ކުރިއަށް ޖެހު ކުޅެން ފަށައި، 83 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ކޯ އިޓަކޫރާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޓަކޫމާ އަސާނޯއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.