ހިލޭ ކަސްރަތު ޕްރޮގްރާމުތަކެއް ހިންގުމަށް ރިދަމް ފިޓްނަސްއާއިއެކު އެޗްޑީސީން އެއްބަސްވެއްޖެ

ރިދަމް ފިޓްނަސްއާއެކު އެޗްޑީސީން ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ / އެޗްޑީސީ

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހިލޭ ކަސްރަތު ޕްރިގްރާމްތަކެއް ހިންގުމަށް ރިދަމް ފިޓްނަސްއާއިއެކު އެޗްޑީސީން ވަނީ އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފައެވެ.

އެޗްޑީސީން ބުނީ އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ އޯނަރު، އަޒީރާ ސޯދިގެވެ.

އެ އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ހުޅުމާލެގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މަގުފަހިކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، އެ އެއްބަސްވުމުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސް އިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އެ ޕްރޮގްރާމާއި ބެހޭ މައުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން އާންމުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމަށްޓަކައި އެޗްޑީސީގެ ފަރާތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، އެޗްޑީސީން ވަނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތައް މީގެކުރިންވެސް ހިންގާފައެވެ. ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން މިދިޔަ އޮގަސްޓް މަހު އެޗްޑީސީގެ ފަރާތުން ވަނީ ދޮށީ އުމުރާއި ސިއްހަތުގެ ނަމުގައި ހާއްސަ މަންސައެއް ވެސް ބާއްވާފައެވެ.

ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، އާންމުން މިކަމަށް ހޭލުންތެރިކުރުވުމަށް އެޗްޑީސީގެ ފަރާތުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެޗްޑީސީން ބުނީ، މިއަދު މިވެވުނު އެއްބަސްވުމަކީ ދޮށީ އުމުރުގެ ބޭފުޅުންނަށް ވަރަށް ބޮޑު ފައިދާއެއްވާނެ ކަމެއް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.