ވ. ތިނަދޫއަށް ވެސް މީހުން އަރާ ފޭބުން މަނާ ކޮށްފި

ވ. ތިނަދޫ --

ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން އައި އިޓަލީގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީން ކޮށްފައިވާއިރު އެ ރަށުންވެސް މީހުން އަރާ ފޭބުން މަނާ ކޮށްފިއެވެ. 

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ތިނަދޫގައި އިޓަލީގެ ފަތުރުވެރިޔާ ބައްދަލުވި މީހުންނާއި އަދި އޭނާ ދިޔަ ތަންތަން ބަލާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ތިނަދޫގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓުންވެސް މީހުން އަރާ ފޭބުން ސަރުކާރުން ވަނީ މަނާ ކޮށްފައެވެ.

މިއަދު ކަރަންޓީން ކޮށްފައިވަނީ ދެ މީހެކެވެ. އެއީ ނައިފަރު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި އަދި އިޓަލީ އިން ރާއްޖެ އައި ފަތުރުވެރިއެކެވެ. ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ އެ ދެ މީހުންވެސް މިވަގުތު ތިބީ ފަރުކޮޅުފުށީގައި ކަމަށެވެ. އަދި ޓެސްޓު ކުރުމުގެ ކަންކަން ކުރިޔަށްދާ ކަމަށެވެ. އިޓަލީގެ ފަތުރުވެރިޔާ ހުރި ވ. ތިނަދޫގައި އެ ފަތުރުވެރިޔާ ދިޔަ ތަންތަނާއި ބައްދަލުކުރި މީހުންގެ މައުލޫމާތުތައް އެއްކޮށް "ކޮންޓެކްޓް ޓްރޭސް" ކުރަމުން އަންނަ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ތިނަދޫ އަދި ކުރެއްދޫ، އެ ދެ ރަށް އޮތީ އެހެން ހާލަތެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެ ހާލަތު ބަދަލުވެގެން ދާނީ މާދަމާ ލިބޭ ޓެސްޓުތަކުގެ ނަތީޖާތަކަށް ފަހު ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ދެ ރަށަށް މީހުން އަރާ ފޭބުން ހުއްޓުވާފައި އެވަނީ ވަގުތީ ގޮތުން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

"މިއީ އަދި ވަގުތީ ޑިސިޝަނެއް. މި ޑިސިޝަނަށް ދެން އަޅުގަނޑުމެން [ސަރުކާރުން] ނަގާނެ ފިޔަވަޅެއް އެނގޭނީ މާދަމާގެ ރިޒަލްޓުތަކަށްފަހު. މި ޕްރިކޯޝަންސް މެޝާސް ސަރުކާރުން ނަގަމުން މިދަނީ ރާއްޖެ ތަރުތީބުވެފައި އޮންނަ ގޮތުން އަޅުގަނޑުމެންނަށް ލިބޭ ފުރުސަތުތައް މިއީ ރާއްޖޭގެ ރަށްތައް ވަކިވަކިން މިހެން އޮންނާތީވެ. މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން އެއްވެސް މުވައްޒަފަކުވެސް އަދި ރައްޔިތަކުވެސް ނުދިއުމަށް. ވަގުތީ ގޮތުން މި ޑިސިޝަން ނަގާފައި މިއޮތީ، ނަތީޖާތައް ލިބުމާއި ހަމައަށްވެސް ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކުރެއްދޫގައި ހުރުމަށްފަހު ރާއްޖެއިން ފުރައިގެން ދިޔަ ފަތުރުވެރިޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެންގީ އެ ފަތުރުވެރިޔާ ކަމަށެވެ. އެހިސާބުން ފެށިގެން "ކޮންޓެކް ޓްރޭސިން" އަދި އޭގެ "ކްރެޑިބިލިޓީ" ވެސް ކަށަވަރު ކުރަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކުރެއްދޫގައި ހިނގާދިޔަ މި ހާދިސާއާ ގުޅިގެން ނައިފަރު ކައުންސިލުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެގޮތުން އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މިވަގުތު ނައިފަރުގައި ތިބި ފަރާތްތަކާއި ނައިފަރުން އެއްވެސް މީހަކާއި ކޮންޓެކްޓްވެފައިވާ ފަރާތަކަށް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ޅ. އަތޮޅު ހޮސްޕިޓަލްގެ ނަމްބަރު 6620048 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުން އެދޭ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން، ހޮސްޕިޓަލްގެ ފަރާތުން ވަކި ޖަވާބެއް ލިބުމުގެ ކުރިން އާންމުންގެ ތެރެއަށް ނުނިކުތުމަށްވެސް އިލްތިމާސްކުރާ ކަމަށްވެސް ނައިފަރު ކައުންސިލުން މައުލޫމާތުދެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.