އިރާނުގެ ހާލަތު ގޯހުން ގޯހަށް، މިކަން ނިމޭނެތަ؟

މަހްސާ އަމީނީއަށް އިންސާފު ހޯދުމަށް ގޮވައިލާ ކުރަމުންދާ މުޒާހަރާގެ ތެރެއިން

އިއްޔެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖް ގްރޫޕު ބީ ގައި ފުޓްބޯޅައިގެ ވަރުގަދަ ބާރެއް ކަމަށްވާ އިނގިރޭސިވިލާތާ ދެކޮޅަށް އިރާނުން ކުޅުން މެޗުން އެ ގައުމު ކުރިމަތިލާން ޖެހުނު ބޮޑު ބައްޔަކާއެވެ. ނަމަވެސް އެ މެޗުން އިރާން ބަލިވި ވާހަކައަށްވުރެ، މީޑިއާތަކުގައި ދެކެވުނީ އެހެން ވާހަކައެކެވެ.

އިރާނު ޓީމުން ވަނީ ގައުމީ ސަލާމް ކިޔަން ދެކޮޅު ހަދާފައި

އިރާނު ކުޅުންތެރިން ގައުމީ ސަލާމް ކިޔަން ދެކޮޅު ހެދި ވާހަކައެވެ. އާއްމު ގޮތެއްގައި ވޯލްޑް ކަޕްގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން ކުޅޭ ދެ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާން ކިޔައެވެ. ނަމަވެސް އިރާނު ކުޅުންތެރިން ގައުމީ ސަލާމް ކިޔަން ދެކޮޅު ހެދި ސަބަބު ހޯދޭނީ މަހްސާ އަމީނީ އަކީ ކާކުކަން އެނގިގެންނެވެ.

މަހްސާ އަމީނީ….

އިރާނުގެ ހުޅަނގު އުތުރުގައި އޮންނަ ކުރުދިސްތާން ޕްރޮވިންސްގެ ސައްކޭޒްގެ ކުރުދީ އާއިލާއަކަށް ނިސްބަތްވާ މަހްސާ އަމީނީ އުފަންވީ 1999 ވަނަ އަހަރުއެވެ. އޭނާގެ ބައްޕައަކީ ސަރުކާރުގެ ޖަމިއްޔާއެއްގެ މުވައްޒަފެކެވެ. މަހްސާގެ މަންމަ އަކީ އެއްވެސް ވަޒީފާއެއް އަދާކުރާ މީހެއް ނޫނެވެ. ކޮއްކޮއާ ބައްދަލުކުރަން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ވެރިރަށް ތެހެރާންއަށް ގޮސް އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މަހްސާ ގެންދިޔައެވެ. ގެންދިޔަ ސަބަބެއް ކަމަށް މިޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ބުރުގާ ނާޅާތީއެވެ.

އިރާނުގައި ހަމަނުޖެހުން ބޮޑުވީ މަހްސާ އަމީނީގެ މަރާއެކު

އެ ބުނާ މިންގަނޑެއް ތައާރަފް ކޮށްފައިވަނީ 1979 ވަނަ އަހަރުއެވެ. ކޮއްކޮ ގާތުގައި ފުލުހުން ބުނީ، މަހްސާ ގެންދަނީ ސުވާލުކުރުމަށް ކަމަށެވެ. އަދި ގަޑިއިރެއްގެ ތެރޭގައި ދޫކޮށްލާނެ ކަމަށެވެ. ގެންދިޔަތާ ދެ ގަޑިއިރު ފަހުން ފުލުހުން ކޮއްކޮއަށް އެންގީ، މަހްސާއަށް ހާޓްއެޓޭކެއް ޖެހިއްޖެ ކަމަށެވެ. އަދި ފިޓްވެސް ޖެހިފައިވާ ކަމަށެވެ. އެއާއެކު ކަސްރާ ކިޔާ ހޮސްޕިޓަލަކަށް މަހްސާ ގެންދެވުނެވެ. މަހްސާގެ އާއިލާގެ މެމްބަރަކު މީޑިއާތަކަށް ކިޔައިދީން ގޮތުންނަމަ ހައްޔަރުކޮށްގެން ފުލުސް އޮފީހަށް ދިޔަ މަގުމަތީގައި ވެހިކަލްގެ ތެރޭގައި ފުލުހުން މަހްސާއަށް އަނިޔާކުރިއެވެ. އަދި ފުލުސް އޮފީހަށް ދެވުނުތަނާއެކު ލޮލުގެ ފެނުން ގެއްލި މަހްސާ ބިން މައްޗަށް ވެއްޓުނު ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ.

ނަމަވެސް ފުލުހުން އަންނަނީ މިއަދާ ހަމަޔަށްވެސް އެ ވާހަކަ ދޮގުކުރަމުންނެވެ. މަހްސާ މަރުވީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ އުމުރުން 22 އަހަރުގައެވެ. މަހްސާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި އޭނާއަށް އެއްވެސް އަނިޔާއެއް ނުކުރާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އަނިޔާކުރި ކަމުގެ ނިޝާންތައް ހުރި ކަމަށް އާއިލާއިން ވަނީ އެތައް ފަހަރެއްގެ މަތިން މީޑިއާގައި ބުނެފައެވެ. އަދި މަހްސާ އަކީ ހިތުގެ މައްސަލަތަކެއް ހުންނަ މީހެއްކަން ދެއްކުމަށް ލިޔުންތަކެއް އިރާނު ސަރުކާރުން ތައްޔާރުކުރި ކަމަށްވެސް ބައެއް ރިޕޯޓްތަކުން ވަނީ ކަށަވަރުވެފައެވެ.

“މުޒާހަރާތައް ފެށުން، އަދިވެސް ކުރިއަށް”

މި ވާހަކަތައް މީޑިއާއަށް ތިލަވުމާއެކު ސެޕްޓެމްބަރުގެ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އިރާނުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ފެށިއެވެ. އަދި އެހެން ގައުމުތަކުގައި ދިރިއުޅޭ އިރާނު ރައްޔިތުންވެސް މަހްސާގެ މަރަށް އިންސާފު ހޯދައިދޭން ގޮވާލާ އެއްވުންތައް ބޭއްވިއެވެ. ޔޫރަޕްގެ އިތުރުން އެމެރިކާގެ ސިޓީތަކުގައިވެސް އެއްވުންތައް ބޭއްވިއެވެ. ސަރުކާރަށް ފާޑުކިޔުންތައް އިތުރުވިއެވެ. އީރާނުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ވަރުގަދަވުމާއެކު ސަރުކާރުން ވަނީ އިންޓަނެޓް ކަނޑާލާ ޝޯޝަލް މީޑިއާގެ ބައެއް ސައިޓްތައް ބްލޮކް ކޮށްފައެވެ.

މަހްސާގެެ މަރަށް އިންސާފު ހޯދަން ގޮވައިލާ ކުރި މުޒާހަރާއެއްގެ ތެރެއިން

މުޒާހަރާތަކުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ސްކޫލު ކުދިންނާއި އަންހެނުންނެވެ. އީރާނުގެ ސުޕްރީމް ލީޑަރު ސިފަކުރައްވާ ގޮތުގައި މުޒާހަރާތަކަކީ ބޭރުގެ ގައުމުތައް އަޑީގައި އޮވެގެން ކުރުވާ ކަމެކެވެ.

އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހަމޭނީ

މުޒާހަރާގައި ދިހަ ހާހެއްހާ މީހުން ހައްޔަރުކޮށްފައިވާއިރު 378 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފުލުހުންނާ ހިނގި ކުރިމަތިލުންތަކުގައި 800 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. މުޒާހަރާގެ އަންހެން ބައިވެރިން ވަނީ ބުރުގާތައް އަންދާލާފައެވެ. އަދި ސަރުކާރުގެ ބައެއް ވެހިކަލްތަކަށް ގެއްލުން ދީފައެވެ.

“އިހްތިޖާޖުތައް ވޯލްޑްކަޕާ ހަމަޔަށް”

މަހްސާގެ މަރުގެ މައްސަލާގައި އީރާނު ކުޅުންތެރިން އެކަމާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދައްކާތީވެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ނަމަވެސް އިއްޔެގެ މެޗުގައި ދަނޑަށް ވަދެ ތިބި ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ ޖޯޝުގައި “އީރާން އީރާން” ކިޔައި އަޑެވެ. އަންހެން ސަޕޯޓަރުން ތިބި ބޮލުގައި ދިދަ އޮޅާލައިގެންނެވެ. އެ މީހުންގެ ފަރާތުން ފެނުނީ ފުޓްބޯޅައިގެ ޖޯޝަށްވުރެ އެހެން ޖޯޝެކެވެ. އެ މީހުން އަތުގައި ހުރި ބެނާތަކުގައި އިނގިރޭސި ލިޔެފައިވަނި ” ވިމެން، ލައިފް، ފްރީޑަމް” އެވެ. އެމީހުން ގޮވާލަމުންދަނީ އަންހެނުންގެ ހައްގުތަކަށާއި، މިނިވަން ކަމަށެވެ. އީރާނުގައި ފިރިހެނުންގެ މެޗުތަކަށް އަންހެނުން ވަނުންވެސް އޮންނަނީ މަނާކޮށްފައެވެ. “ހަޔާތުގައި ދުވަހަކުވެސް ފުޓްބޯޅަ މެޗެއްގައި ބައިވެރިވެފައި ނުވަން. މިއީ މިހެން ލިބުނު ފުރަތަމަ ފުރުސަތު،” އެ މެޗު ބަލަން ސްޓޭޑިއަމްގައި ހުރި އިރާނުގެ އަންހެން ދަރިވަރަކު ބުންޏެވެ.

އިރާންއާ އިންގްލޭންޑާ ބައްދަލުކުރި މެޗްގައި އިރާންގެ ސަޕޯޓަރުންތަކެއް ބެނާތަކެއް ހިފައިގެން

މެޗަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން އިރާނުގެ ކެޕްޓަން އެހްސާން ހަޖިސަފީ ބުނީ، ގައުމުގެ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށާއި ގައުމުގެ ރައްޔިތުން ހޭދަކުރަމުން ދަނީ ހިތްދަތި ދުވަސްތަކެއް ކަމަށެވެ.

“އަހަރުމެން މިތަނުގައި (ވޯލްޑް ކަޕް) ގައި ތިބުމުގެ މާނައެއް ނޫން އެމީހުންގެ އަޑު ދުނިޔެއަށް ނީއްވެނެ ކަމަށް، އަދި އެ މީހުންނަށް އިހްތިރާމް ނުކުރާނެ ކަމަށް” ފާރްސީ ބަހުން ވާހަކަ ދައްކަމުން ކެޕްޓަން ބުންޏެވެ. މޫނުމަތިން މަޑުމޮޅިކަން ފެންނަން ހުރި އެހްސާން ބުނީ ކުރިއަށް އޮތް މެޗްތަކުގައި ރަނގަޅު ކުޅުމެއް ދައްކައި، ރައްޔިތުންނަށްޓަކައި ކުޅުމަކީ ޓީމުގެ އަޒުމްކަމަށެވެ. ރައްޔިތުން ބޭނުންވާ ގޮތަށް އެ ގައުމުގެ ކަންކަން ހަމަޔަކަށް އެޅޭނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

ޓީމުގެ ކޯޗް ކާލޯސް ކުއެރޯޒް ބުނީ، އިރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށެވެ. “ކުޅުންތެރިން ކުޅެން ފުރުސަތު ދީ. އެމީހުން ބޭނުންވީ މިތަނުގައި ތިބި އެހެން ގައުމީ ޓީމުތަކެކޭ އެއްފަދައިން ގައުމު ތަމްސީލުކޮށް، ރައްޔިތުން ތަމްސީލު ކުރަން” އޭނާ ބުންޏެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ އެސިސްޓެންޓް ކޯޗުކަންވެސް ކޮށްފައިވާ ކާލޯސް އިތުރަށް ބުނީ ވޯލްޑް ކަޕަށް ކުޅުންތެރިންނަށް ގުޅުން ނެތް ކަންކަން ކުރަން ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މުޒާހަރާއިން ނެރެން ބޭނުންވާ ނަތީއްޖާއަކީ ކޮބާ؟

މި ސުވާލުގެ ޖަވާބަކީ “އިރާނުން ބޭނުންވަނީ ބަދަލެއް” އެވެ. އަންހެނުން ބޭނުންވަނީ ފިރިހެނުންނޭ އެއް ފަދައިން އާއްމު ދިރިއުޅުމުގެ ކަންކަން ކުރުމުގެ ހައްގެވެ. ކިޔެވުމާއި ވަޒީފާ އަދާކުރުމާއި ގެއިން ބޭރަށް ނުކުމެ އުޅުން ފަދަ ކަންކަމުގައި ބޭނުންވާ ހެދުން އެޅުމުގެ އިހްތިޔާރު އޮތުމެވެ. ވަކި ކަހަލަ ހެދުމެއް އަޅަން އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް އިރާނުގެ އަންހެނުން އަޑު އުފުލަމުންދާތަ އެތައް އަހަރުތަކެއް ވެއްޖެއެވެ. އެކަމަކު މި ފަހަރު އެކަމާ ދެކޮޅަށް ނިކުތީ އެހެން ގޮތެއް ނެތުމުން ކަމަށް އެމީހުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.