ފުރަތަމަ ފަހަރަށް އިސްރާއިލުގެ ޑައިރެކްޓް ފްލައިޓް ގަތަރަށް ޖައްސައިފި

ގަތަރަށް ޒިޔާރަތް ކުރި އިސްރާއިލްގެ ފަތުރުވެރިން --- ފޮޓޯ/އަލްޖަޒީރާ

ވޯލްޑްކަޕާ ދިމާކޮށް ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އިސްރާއިލުގެ ޓެލް އަވިވްއިން ޑައިރެކްޓް ފްލައިޓެއް ގަތަރުގެ ދޯހާ އެއާޕޯޓަށް ޖައްސައިފިއެވެ.

ގަތަރާއި އިސްރާއިލާ ދެމެދު އެއްވެސް ހާރިޖީ ގުޅުމެއް ނެތް އިރު، މި ދެ ގައުމުގެ ދެމެދުގައި އެއްވެސް ޑައިރެކްޓް ފްލައިޓެއް މީގެ ކުރިން ނެތެވެ. އެކަމަކު ރޭ ފެށި ވޯލްޑްކަޕާ ދިމާކޮށް ސަޕޯޓަރުންނަށް ހުޅުވާލެވުނު ދޮރަކާ އެކު، މިހާރު ވަނީ އިސްރާއިލުގެ ކޮމާޝަލް ފްލައިޓެއްގައި ގިނަ ސަޕޯޓަރުންތަކެއް ގަތަރަށް އެތެރެވެފައެވެ.

އެގޮތުން މިދިޔަ އާދީއްތައިގައި ކުރި މި ދަތުރާ އެކު ތާރީހު ބަދަލުވެގެން ދިޔައިރު، ފީފާއިން މި މަހުގެ 10 ވަނަ ދުވަހު އޮތީ އެ ހުއްދަ ދިނުމަށް ގަތަރުގެ ކިބައިން އެދިފައެވެ. އެއާ އެކު ވޯލްޑްކަޕް ނިމެންދެން އެ ދެގައުމުގެ ދެމެދުގައި ޑައިރެކްޓް ފްލައިޓްތަކެއް ދަތުރުކުރާނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އިސްރާއިލާ އެކު އެއްވެސް ގުޅުމެއް ބަދަހި ނުވާ ކަމަށާއި، އެ ފްލައިޓްތަކުގައި ފަލަސްތީންގެ ވިސާ ހޯލްޑަރުންނަށް އެއްވެސް ދަތިކަމެއް ނެތި ދަތުރު ކުރެވޭނެ ކަމަށް ގަތަރުން ވަނީ ބުނެފައެވެ. ގަތަރުން މީގެ ކުރިން ވެސް އިސްރާއީލްގެ ރައްޔިތުން އެގައުމަށް އެތެރެވުމުގައި ހަރުކަށި މިންގަނޑެއް ގެންގުޅެއެވެ.

އެގޮތުން އެ ގައުމުގެ ރައްޔިތުންނަށް ގަތަރަށް މީގެ ކުރިން އެތެރެވެވޭނީ ސްޕެޝަލް ވިސާއެއްގައި ކުޅިވަރުގެ ނުވަތަ މުހިއްމު ކޮންފަރެންސަކަށް އެކަންޏެވެ.

އިސްރާއިލަކީ ބައިނަލް އަގުވާމީ ގޮތުން ގައުމެއް ކަމަށް ގަތަރާއެކު އަރަބި ބައެއް އެހެން ގައުމުތައް ވެސް ގަބޫލު ނުކުރާއިރު، އިސްރާއިލްގެ ފޭނުން ބުނާ ގޮތުގައި އެމީހުން ގަތަރަށް އައީ އިސްރާއީލާ ދެކޮޅު ގައުމުތަކާ ދެކޮޅަށް ސަޕޯޓް ކުރާށެވެ. އެގޮތުން މިރޭ އިނގިރޭސިވިލާތާ ދެކޮޅަށް ކުޅޭ އިރާނާ ދެކޮޅަށް ސަޕޯޓް ކުރާނެ ކަމަށާއި، އަދި އާޖެންޓީނާއާ ސައުދީ އަރަބިއްޔާއާ ބައްދަލު ކުރާ މެޗުގައި ވެސް ސަޕޯޓް ކުރާނީ ސައުދީއާ ދެކޮޅަށް ކަމަށް ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.