ކައުންސިލް އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ދައްޗެއް ނެތި ވައުދުތައް ފުއްދޭނެ: ރައީސް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ރައީސް ސޯލިހު ސަލާމް ކުރައްވަނީ: ފޮޓޯ / މުންޝިދު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެއްވެސް ދައްޗެއް ނެތި ރައްޔިތުން ގާތު ސަރުކާރުން ވީ ވައުދުތައް ފުއްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ދޮރުން ދޮރަށް ރަސްމީކޮށް ފެއްޓުމުގެ ގޮތުން ވާހަކަދައްކަވާ ރައީސް ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އެހާމެ ބޮޑު މެޖޯރިޓީއެއް ލިބުނީ ރައްޔިތުން އެޕާޓީއަށް ކުރި ތާއީދުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލް އިންތިހާބުގައިވެސް އެޕާޓީއަށް މަޖިލިސް އިންތިހާބުގައި ދިންވަރުގެ އިތުބާރެއް ރައްޔިތުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިހާރުވެސް އިންތިހާބަކާއި ނުލާ އެމްޑީޕީއަށް ބައެއް ގޮނޑިތައް ކާމިޔާބުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެއީވެސް އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ހާމަވެގެންދާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެސް އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *