އިންޑިއާގައި އަނިޔާވެރި މަރެއް: ހަށިގަނޑު ބުރިބުރިކޮށް، ފްރިޖުގައި ވެސް ގެންގުޅުނު

ދެ ލޯބިވެރިން: އަނިޔާވެރި ގޮތަކަށް އަންހެން ކުއްޖާ މަރާލިކަން ފާޅާއެރީ 5 މަސް ފަހުން

އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޝްރައްދާ ވޯކާ، އޭނާގެ ލޯބިވެރިޔާއާ ދިމާވީ އޮންލައިން ޑޭޓިން އެޕަކުންނެވެ. ލޯބިވެރިޔާ އަފުތާބް ޕޫނާވާލާ، 28 އ، އާއެކު ވަކިން ދިރިއުޅެން ފެށި އެވެ. “ލިވްއިން ރިލޭޝަންޝިޕް” އަކަށް، ދިއްލީގެ މެހެރައުލީ ސަރަހައްދުގައި ހުރި އެޕާޓްމެންޓަކަށް ދެ ލޯބިވެރިން ބަދަލުވީ މި އަހަރުގެ މާޗް މަހުއެވެ. ލޯބިވެރިން އެ ފިޔަވަޅު އެޅީ، އެ ގުޅުމަށް ޝްރައްދާ އާއިލާއިން ދެކޮޅު ހަދާފައިވަނިކޮށެވެ.

އަފްތާބް، ޝްރައްދާ މަރާލާފައިވަނީ މޭ މަހުގެ 18 ވަނަ ދުވަހު .

އަފްތާބަކީ މުސްލިމެވެ. ޝްރައްދާއަކީ ހިންދޫ ދީނުގެ މީހެކެވެ. ތަފާތު އެހެން ދީނެއްގެ މީހަކާ ކައިވެނި ކުރުމަކީ، އިންޑިއާގެ މުޖުތަމައުގައި އަދިވެސް ވަރަށް ދެކޮޅު ކަމެކެވެ. ދިއްލީއަށް ބަދަލުވުމަށް ފަހު، ޝްރައްދާ މަސައްކަތް ކުރަމުން އައީ ކޯލް ސެންޓަރެއްގަ އެވެ. އަފްތާބަކީ ފުޑް ބްލޮގަރެކެވެ. ދެ ލޯބިވެރިން އެކުގައި ދެ މަހެއްހާ ދުވަހު އުޅުމަށް ފަހު، ދެން ހިނގައިދިޔަ ކަންކަން އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުޚީއަށް ވަނީ އަރައިފަ އެވެ.

ޝްރައްދާގެ ހަބަރެއް ނުވުން

ދިއްލީއަށް ބަދަލުވުމަށް ފަހުވެސް ޝްރައްދާއާ އޭނާގެ އާއިލާއަށް ގުޅައެވެ. ނަމަވެސް އޭގެ ފަހުން ކުއްލިއަކަށް އޭނާގެ ހަބަރެއް ނުވާތީވެ އާއިލާ އާއި ރައްޓެހިން ކަންބޮޑުވިއެވެ. ޝޯޝަލް މިޑީއާގައި ވަރަށް އެކްޓިވްކޮށް އުޅޭ އެކައުންޓުން ވެސް ޕޯސްޓެއް ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެންމެ ފަހުން، އަފްތާބްއާ އެކު އޭނާ ދިރިއުޅެމުން އައި އެޕާޓްމެންޓާ ހަމައަށް ބައްޕަ ދިޔައެވެ.

އަފްތާބް އާ ޝްރައްދާ ދިރިއުޅެމުން ގެންދިޔަ ފްލެޓް

އެކަމަކު ތަޅުލާފައި ހުރުމުން ވަދެވޭ ގޮތެއް ނުވި އެވެ. ދެން ޝްރައްދާ ގެއްލުނު ކަން އޭނާގެ ބައްޕަ ފުލުހުންނަށް ރިޕޯޓް ކުރި އެވެ. އަދި ބައްޕަ ތުހުމަތު ކުރަނީ ވެސް އެ ކަމުގައި އަފްތާބުގެ އަތެއް ވާނެ ކަމަށެވެ.

ޝްރައްދާގެ ހަށިގަނޑު ފެނުން، 35 ބަޔަށް ބުރިކޮށްލާފައި

ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރުމުން، އާންމު އުސޫލުގެ މަތިން ތަހުގީގު ފެށި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ޝްރައްދާގެ ލޯބިވެރިޔާ އަފްތާބު ގެންދިޔަ އެވެ. އަދި ޝްރައްދާ މަރާލިކަން އަފްތާބު އެއްބަސްވި އެވެ. ރަހުމު ކުޑަ އެ އަމަލު އޭނާ ހިންގި ގޮތް ވެސް ފުލުހުންނާ ހިއްސާކުރި އެވެ. ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން ޝްރައްދާއާ ޖެހުނު މައްސަލައެއްގައި އަފްތާބް އޭނާ މަރާލީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

“”މެއި މަހުގެ 18 ވަނަ ދުވަހު ގެއަށް ބޭނުންވާ ތަކެތި ގަތުމުގެ ކަންތަކާއި ބެހޭ ގޮތުން ދެ މީހުންގެ ދެމެދުގައި މާރާމާރީއެއް ހިނގި. އަފްތާބު އެކަމާ ރުޅިއައިސްގެން އެ ރޭ ޝްރަދާގެ ކަރުގައި ހިފައި މަރާލީ” އިންޑިއާގެ ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން އެ ޚަބަރު ރިޕޯޓްކޮށްފައިވެ އެވެ.

އިންޑިއާގެ އެކި ނޫސްތަކުގައި އެ ގަތުލު ހިންގި ގޮތުގެ އެކި ތަފުސީލުތައް ކަވަރު ކޮށްފައި ހުއްޓެވެ. ޝްރައްދާގެ ހަށިގަނޑު އޮތީ 35 ބުރިއަށް ބުރިކޮށްލައިފަ އެވެ. ދިއްލީ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން، ޝްރައްދާގެ ހަށިގަނޑު ދެ ދުވަސް ވަންދެން އެޕާޓްމެންޓުގައި ބޭއްވި އެވެ. އެއަށްފަހު އެކި ބައިތައް ކަނޑާލައި ކޮތަޅަކަށް އަޅާފައިވެ އެވެ. އަދި އާ ފްރިޖަކާއި ހަށިގަނޑު ކަނޑާލަން ތޫނު ކީހެއް އަފްތާބް ބާޒާރުން ގަތެވެ. އޭގެ ފަހުން އެކި ދުވަސް މަތިން ޝްރައްދާގެ ހަށިގަނޑު ބައިތައް ކޮތަޅަކަށް އަޅައިގެން ގޮސް އެ ގެ ކައިރީ އޮންނަ ވަލުތެރެއަށް ހަށިގަނޑުގެ ބައިތައް ޑިސްޕޯސްކޮށްފަ އެވެ.

“އަފްތާބު އެއްބަސްވިޔަސް އިތުރު ހެކި ހޯދުން ކުރިއަށް”

އަފްތާބް މެދުވެރިކޮށް ފުލުހުން ވަނީ ޝްރައްދާގެ ހަށިގަނޑުގެ ގިނަ ބައިތައް ޖަންގަލީ ތެރެއިން ހޯދައިފަ އެވެ. އަދި އެ ހަށިގަނޑަކީ ޝްރައްދާގެ ހަށިގަނޑު ކަން ޔަގީންކުރަން ޑީއެންއޭ ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ދިއްލީ ފުލުހުންގެ ޓެކްނިކަލް އިންވެސްޓިގޭޝަން ސެލްގެ އޮފިޝަލުން ބުނި ގޮތުގައި އަފްތާބް، ޝްރަދާ އާއި އެހެން މީހުންނާ އެކު މުއާމަލާތު ކުރެވިފައިވާ ޗެޓްތައް ދަނީ ހޯދަމުންނެވެ. އެ މަސައްކަތުގެ ތެރެއިން، އަފްތާބު ބޭނުންކުރާ ސޯޝަލް ނެޓްވޯކިން އަދި މެސެޖިން އެޕްލިކޭޝަން ޕްލެޓްފޯމްތަކުގައި ޗެޓްގެ ތަފްސީލް ހިއްސާކުރުމަށް ވަނީ އެދިފަ އެވެ. އަދި ޝްރައްދާ އާއި އަފްތާބުގެ ފޯނުތަކުގެ ލޮކޭޝަން ކުރިން ހުރި ތަންތަން ދެނެގަތުމަށް ޓެލެކޮމް އޮޕަރޭޓަރުންނަށް ލިޔުމުން، އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ޝްރައްދާ މަރާލިކަމަށް އެއްްބަސްވި އަފްތާބް ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ

އަފްތާބް ބުނެފައިވާ ގޮތުން އޭނާ ޝްރައްދާ މަރާލާފައި ވަނީ މަސްތުގެ ހާލުގައި ހުރެއެވެ. އޭނާ އަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރިޔުއާނާއަށް ދެވިހިފައިވާ ހުންނަ މީހެއް ކަމަށް ވެސް އަފްތާބް ވަނީ ބުނެފައެވެ. ހަށިގަނޑުގެ ބައިތައް ދެހަރްދުން ކިޔާ ސިޓީއަކަށް ވެސް ޑިސްޕޯސް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަށިގަނޑު ބުރިކޮށްލަން ބޭނުން ކުރި ހަތިޔާރު ފުލުހުންނަށް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. އެ ގެއިން ފެނުނު ތަކެތި ފޮރެންސިކް ތަހުލީލަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

“ޝްރައްދާ ދިރިހުރިކަމަށް ދައްކަން އަފްތާބް މަސައްކަތްކުރި”

ބައެއް މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ޝްރައްދާ މަރާލުމަށް ފަހު އާފްތަބް ވަނީ ޝްރައްދާގެ އިންސްޓަގްރާމް އެކައުންޓުން ބައެއް މީހުންނާ ވާހަކަ ދައްކާފައެވެ. އެކަން އެގޮތަށް ކޮށްފައިވަނީ ޝްރައްދާއަށް ކަމެއް ނުވާ ކަން ދެއްކުމުގެ ގޮތުންނެވެ.

އަފްތާބު ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި އޭނާ ވަނީ ޝްރައްދާގެ އެކައުންޓުން އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްފައެވެ. ފައިސާ އޭނާގެ އެކައުންޓަށް ޓްރާންސްފާ ކުރީ ޝްރަދާގެ ފޯނާއި ބޭންކިން އެޕް ޕާސްވޯޑް އޮތުމުންނެވެ.

އަފްތާބު މި ފައިސާއިން ޝްރަދާގެ ނަމުގައި ކްރެޑިޓް ކާޑު ބިލް ދައްކަމުން ދިޔައެވެ. އަފްތާބު ބިލްތައް ދައްކަމުން ދިޔައީ ޝްރަދާގެ އެކައުންޓުން ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޑައިވާޓްކޮށްގެންނެވެ. އޭނާ އެކަންކުރީ މުމްބާއީގައި ހުންނަ ޝްރަދާގެ ގެއަށް ބޭންކުން ގޮސްދާނެތީއެވެ.

ދައުވާ ލިބޭ އަފްތާބްގެ ބަންދުގެ މުއްދަތު ދިއްލީ ކޯޓުން ވަނީ އިތުރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.