ސަންފާ، ފުލުހުންގެ ހިދުމަތުގެ ފުރަތަމަ އަންހެން ކައްޕި!

ސަންފާ ---މިއީ ފުލުހުންގެ ހިދުމަތުގެ ފުރަތަމަ އަންހެން ކައްޕި: ފޮޓޯ / ފުލުހުން

ފުލުހުންގެ ކަސްޓޯޑިއަލުން 2006 ވަނަ އަހަރުގެ އޮކްޓޯބަރ މަހުުގެ 10 ވަނަ ދުވަހު ފުލުހުންގެ ހިދުމަތާ ގުޅުނު، ސަންފާ އިބްރާހިމް ދީދީ މިއަދު މިވަނީ ފުލުހުންގެ މާޒީ އަނެއްކާވެސް ބަދަލުކޮށްލައި ފުލުހުންގެ ހިދުމަތުގައި އައު ސަފުހާއެއް ލިޔެފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ 89 އަހަރުވީ ދިގުމާޒީގައި ފުރަތަމަ އަންހެން މާލިމީ ނުވަތަ ފުރަތަމަ އަންހެން ކައްޕިއަކީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސީނިއާ ސާޖަންޓް ސަންފާ އިބްރާހިމް ދީދީއެވެ. އިންޖީނުލީ ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިންސަންސް ހޯދައި، ސަންފަ މިއަދު މާސިންގާ ކަނޑުތަކަށް ފުލުހުންގެ ހިދުމަތުގައި އެ ނުކުތީ ދިވެހި ފުލުހުންގެ ތާރީހުގައި ރަން އަކުރުން އޭނާގެ ނަން ލިޔަމުންނެވެ.

ސަންފާ އިބްރާހިމް ދީދީ ފުލުހުންގެ ހިދުމަތުގައި އެންމެ ފުރަތަމަ މަސައްކަތްކުރީ ދޫނިދޫ ކަސްޓޯޑިއަލުގައެވެ. ފުލުހުންގެ ހިދުމަތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި އޭނާ ވަނީ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތްކޮށް އެކިދާއިރާއިން ތަޖުރިބާ ހޯދާފައެވެ. މާލޭ ކަސްޓޯޑިއަލް، ޕޮލިސް މެޑިކަލްގެ އިތުރުން ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިހުގައިވެސް ސަންފަ ވަނީ މަސައްކަތް ކޮށްފައެވެ. ފުލުހުންނަށް ބޭނުންވާ އެކި ތަމްރީނުތަކުގައި ބައިވެރިވި ސަންފަ ވަނީ އެކި ކޯސްތައް ފުރިހަމަކޮށްފައެވެ. ޚިދުމަތުގެ އިތުރުން ކުޅިވަރުގައިވެސް ސަންފައަކީ ދޫކުރާ ނަމެއް ނޫނެވެ. ފުޓުބޯޅަ، ހޭންޑްބޯޅަ މި ނޫންވެސް އެތައް މުބާރާތެއްގައި ސަންފަ ވަނީ ފުލުހުން ތަމްސީލުކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ކަނޑުމަތީގައި މަސައްކަތް ކުރުން، ކުރިންވެސް ތަޖުރިބާ ކުރަން ބޭނުންވެފައި ހުރި މަސައްކަތެއް

ނުކުރެވިދާނެ ކަމުގެ ބިރަށް، ބީރު ކަންފަތެއްދީ ގަދަ ކަނޑަށް ނުކުތުމަށް ހަދަންޖެހޭ ހުރިހާ ތަމްރީނެއް ފުރިހަމަކުރީ އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތި ކަމަށް ސަންފާ ބުންޏެވެ. އޭނާ ބުނީ ކަނޑުމަތީގައި މަސައްކަތް ކުރުމަކީ ކުރިންވެސް ތަޖުރިބާ ކުރަން ބޭނުންވެފައި ހުރި މަސައްކަތެއްކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ އުފަލާއެކުގައެވެ.

ސަންފަ ބުނީ ބޭސިކް ސީމެންޝިޕް ކޯސް ފުރިހަމަކުރުމަށް މާލެ އައުމާއި ކޯސް ފުރިހަމަކޮށް ނިންމުމާ ހަމައަށްވެސް ހިތުގައި އޮތް އަޒުމަށް އެއްވެސް ގުޑުމެއް ނާރައި އެކަން ފުރިހަމަކުރެވުނީ އޭނާގެ އިސްވެރިން ދެއްވި ހިތްވަރާއި ކުރި އިތުބާރުގެ ބޮޑުކަމުންކަމަށެވެ.

މެރިން ޕޮލިހާއި ޔޫ.އެން.އޯ.ޑީ.ސީ އަދި ޖަޕާން ސަރުކާރު ގުޅިގެން ފުލުހުންނަށް ކުރިއަށްގެންދާ ބޭސިކް ސީމެންޝިޕް ކޯހަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އަމަލީ ހަރަކާތްތަކާއި މައުލޫމާތު ދިނުމުގެ ކްލާސްތަކާއެކު ކުރިއަށް ގެންދާ ކޯހެކެވެ. އެގޮތުން ”މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިންގ، ސަވައިވަލް އެންޑް ރެސްކިއު” މައުލޫގެ ދަށުން މައުލޫމާތު ދިނުމާއެކު އަމަލީ ހަރަކާތްތައް ކަނޑުމަތީގައި ކުރިއަށް ގެންދެއެވެ. ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހިމް ދީދީ ވަނީ އެ ކޯސް ފަހުރުވެރިކަމާއެކު ފުރިހަމަކޮށްފައެވެ.

ނިއަމި ކަމުގެ ކޯހުގެ ތެރެއިން ފުރަތަމަ ކަނޑަށް ނުކުތް ދުވަހަކީ ސަންފަގެ ހަނދާނުގައި އަބަދުވެސް ހުންނާނެ ދުވަސްތަކެކެވެ. އެއީ މުޅިން ތަފާތު، ހިތްތެޅުން ބާރު ދުވަހެކެވެ. ހާއްސަކޮށް ލޯންޗުގެ ހުންގާނުގައި ހިފައި ފުރަތަމަ ދަތުރަށް ފެށި ވަގުތެވެ. ހުންގާނު ރަނގަޅަށް ހިފި ސްޕީޑް ނުހިފެހެއްޓިގެން ދިޔަ ވަގުތުކޮޅުތަކެވެ. ކަނޑުމަތީގެ ހާދިސާތަކުގައި ލޯންޗު، ދޯނި ބަނޑުން ޖަހާލާފައިވާ ހާދިސާތައް ހިތުގައި އިތުރުވެ ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދަމުން ދިޔައެވެ. އެހެންނަމަވެސް އެ ހިޔާލުތަކާ ދުރަށް ސަންފަ ގެންދިޔައީ އޭނާގެ ވަރުގަދަ އަޒުމެވެ. އަންހެނަކަށް ވީތީ ވަކިކަމެއް ނުވާނެ ނުވަތަ ނުކުރެވޭނެކަމަށް ބުނާ ޒަމާންވީ ވާހަކަތައްވީ އޭނާއަށް ލިބުނު ހިތްވަރަކާއި ފޯރިއަކަށެވެ. އެކަން މިއަދު ސަންފަ ސާބިތުކޮށްދިނީވެސް ރަން އަކުރުންނެވެ.

ކައްޕީގެ ތޮފި އަޅައިގެން ދަތުރަށް ނިކުތް ދުވަސް ހާސްކަން ބޮޑު ދުވަހެއް

”އެ ދުވަހު ލޯންޗު ޖެޓީއާ ގާތްކުރެވުނީ ވަރަށް އުނދަގުލުން. އެހެންވެ ވަރަށް ހާސްވި. އަދި ލޯންޗުގައި ތިބި މީހުން އެކަމާ ހިތައް އަރާފާނެ އެއްޗަކާމެދު ވިސްނުނު. އެހެންނަމަވެސް ދަތުރު ނިމި ލޯންޗުން ފައިބައިގެން ދަމުން ކޮންމެ މީހަކުވެސް ވަރަށް ރަނގަޅޭ ބުނީމައި ހިތަށްއެރި ލޯންޗު މި ދުއްވުނީ ގޯސްކޮށްނޫންކަން.” ސަންފަ ކިޔައިދިނެވެ.

މި ބަސްތައް ވެގެންދިޔައީ މި ދާއިރާގައި އޭނާ ކުރިއަށް ދިއުމަށް އެންމެ އަޑުއަހާލަން ބޭނުންވި ވާހަކަތަކަށެވެ. އަދި އެކަމުގައި ސާބިތުވެ ހުރުމަށް ލިބުނު ހިތްވަރަކަށެވެ.

ބޭސިކް ސީމެންޝިޕް ކޯސް ފުރިހަމަކޮށް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބުނު ފުރަތަމަ އަންހެން ފުލުހަށް ވެގެންދިއުމަކީ ފުލުހުންގެ ޚިދުމަތުގައި މިހާތަނަށް ސަންފައަށް ލިބިގެންދިޔަ އެންމެ ބޮޑުޝަރަފުގެ އިތުރުން އެންމެ ފަހުރުވެރި ކާމިޔާބީއެވެ.

ކަނޑުމަތީގެ ތަމްރީނުތައް ފުރިހަމަކުރަމުންދިޔަ ދުވަސްވަރު ފުވައްމުލަކު ސިޓީ ޕޮލިހާއި މެރިން ޕޮލިހުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ސަންފަގެ އެތައް ހާސް ޝުކުރެކެވެ. އަދި އޭނާ ކުރާ ކޮންމެ ކަމެއްގައިވެސް އާއިލާއިން ހާއްސަ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެންދާކަމީ މިއަދު މިހިސާބަށް އައުމަށް ލިބުނު ހިތްވަރެއްކަން ފާހަގަކުރިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.